ޖޭއެސްސީ

ޖޭއެސްސީއަށް ހުށަހަޅާ މައްސަލަތައް ނިންމަން ވަކި ވަގުތެއް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅޭ މައްސަލަތައް ހުށަހެޅޭ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ކަނޑައަޅައި ގާނޫނަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގް ކުރައްވައިފި އެވެ.

މި އިސްލާހާ ގުޅިގެން ޖޭއެސްސީއަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅޭ ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، 14 ދުވަހުގެ ތެރޭގައި މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން، އެ މައްސަލައެއް ބެލުމާމެދު ނިންމި ނިންމުން ކޮމިޝަނަށް ފޮނުވަންޖެހެ އެވެ.

މައްސަލައިގެ ތަހުގީގު ރިޕޯޓު ލިބޭތާ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ހަތް ދުވަހުގެ ތެރޭގައި ރިޕޯޓާ ގުޅޭގޮތުން ތަހުގީގު ކުރާ ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިޢާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިޓީއަށް ހުށަހެޅުމުގެ އިހުތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާ ކަމަށް އިސްލާހުގައިވެ އެވެ. މި މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، ހަތް ދުވަހުގެ ތެރޭގައި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާ މެދު ޖުމްލަ ގޮތެއްގައި ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވަންވާނެ ކަމުގައިވެސް ބަޔާންކޮށްފައިވެ އެވެ.

ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ތަހުގީގު ކޮމިޓީން ކޮމިޝަނަށް ފޮނުވާ ރިޕޯޓު، މައްސަލަ ރައްދުވާ ފަނޑިޔާރަށް ކޮމިޝަނުން ފޮނުވަންޖެހެ އެެވެ. އަދި ތަހުގީގު ކޮމިޓީގެ ރިޕޯޓާ މެދު ކޮމިޝަނުން ގޮތެއް ނިންމަން ވާނީ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުސަތު ދިނުމަށްފަހުގައި ކަމަށްވެސް ބުނެފައިވެ އެވެ.