ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖޭއެސްސީއަށް ބަދަލު ގެނައުމުގެ ބިލް މަޖިލީހުގެ އަންނަ ދައުރަށް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.


ރައީސް ސޯލިހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭއެސްސީ އަލުން އެކުލަވާލުމާ ބެހޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހު އިސްލާހުކުރުމަށްޓަކައި ކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ ދައުރުގައި މަޖިލީހަށް މި ބިލް ހުށަހެޅުމުގެ މަސައްކަތް ކުރައްވާނެކަމަށް ވެސް ވިދާޅުވި އެވެ.

ޖޭއެސްސީ އަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމުގެ މަސައްކަތް ބަންޑާރަނައިބްގެ އޮފީހުން މިހާރު ވަނީ ފަށާފަ އެވެ.

މި މަސައްކަތް ކުރުމަށްޓަކައި ބަންޑާރަނައިބް އޮފީހުން އިދާރާތަކާ އެކު މަޝްވަރާތައް ކުރަމުން ދާއިރު، ޖޭއެސްސީ އަލުން އެކުލަވާލުމަށް ރައްޔިތުން ބޭނުންވާ ގޮތް ބެލުމަށް ރައްޔިތުންނަށާއި މަދަނީ ޖަމިއްޔާތަކަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 115 މީހުން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީފައެވެ. އަދި މީގެ ތެރެއިން ގިނަ މީހުން ވަނީ ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ބަންޑާރަނައިބުގެ އޮފީހުން ވަނީ ޖޭއެސްސީ އެކުލަވާލަން އެންމެ ރަނގަޅު ގޮތްކަމަށް ފެންނަ ދެ މޮޑިއުލެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. މިގޮތުން މި މޮޑިއުލްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މެމްބަރު، އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގައި އިންނެވުން ވަނީ އުނިކޮށްފައެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް މުރާޖައާކޮށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްތައް އިދިކޮޅު ކޯލިޝަނުން އެކި ފަހަރު މަތިން ހުށަހެޅި އެވެ. ނަމަވެސް ވެރިކަން ކުރާ އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން ކޮންމެ ފަހަރަކު އެ ބިލްތައް ބޭރުކޮށްލަނީ އެވެ.