ރާއްޖެ އާއި ޗައިނާ މިރޭ ކުޅޭ މެޗު ބައްލަވާލެއްވުމަށާއި، ގައުމީ ޓީމުގެ އާ ކިޓް ލޯންޗް ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ދަނޑަށް ވަޑައިގަންވާނެ އެވެ.
ކުޅިވަރުގެ ވަޒީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ޓީމުގެ އާ ޖޯޒީ ވެސް ރަސްމީކޮށް ރައީސް ލޯންޗު ކޮށްދެއްވާނެ ކަމަށެވެ. މިދިޔަ ތިން ހަތަރު އަހަރު ގައުމީ ޓީމުން ބޭނުން ކުރި ޖޯޒީގެ ފަރުމާ، މި އަހަރު ވަނީ ބަދަލު ކޮށްފަ އެވެ.
ގައުމީ ޓީމުގެ އާ ޖޯޒީ ފަރުމާއަކީ، ގައުމީ ޓީމުގެ ސްޕޮންސާ ބޭންކު އޮފް މޯލްޑިވްސްއިން ޖޯޒީ ފަރުމާ ކުރުމަށް އާންމުންނަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅުނު 100 ފަރުމާގެ ތެރެއިން ކްރިއޭޓިވް ޑިޒައިނާ ޝާޒިފް ފަރުމާ ކުރި ޑިޒައިނެވެ. ސަތޭކަ ހުށަހެޅުމުގެ ތެރެއިން އެއް ވަނައަށް ދިޔައީ އޭނާ ހުށަހެޅި ޖޯޒީ އެވެ.
މި އަހަރުގެ މާޗް މަހުން ފެށިގެން ގައުމީ ޓީމުން ދަނި އެ ފަރުމާގެ ޖޯޒީތައް ބޭނުން ކުރަމުންނެވެ. ޓީމުގެ ހޯމް ޖޯޒީން ރަމްޒު ކޮށްދެނީ ރަތް މަހުގެ ހުޅުނބުގައިވާ ބައްޓަމެވެ. އަވޭ ޖޯޒީގައި ރަމްޒުކޮށްދެނީ ކަނޑާއި ރާޅުތަކެވެ.
މިދިޔަ ހަތަރު އަހަރު ގައުމީ ޓީމަށް ކިޓް ފޯރު ކޮށްދެމުން ގެންދިޔައީ ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ ޖޯމާ އެވެ. އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ހަމަވުމަށް ފަހު އެފްއޭއެމުން ވަނީ އެހެން ކުންފުންޏަކާއެކު އެއްބަސްވުން ހަދާފަ އެވެ. ގައުމީ ޓީމަށް ދެން ކިޓް ޕްރޮވައިޑް ކޮށްދޭނީ ސްޕެއިންގެ ކެލްމް އެވެ.