ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު "ފަންނު އެކްސްޕޯ" ގެ އޮންލައިން މީޑިޔާ ޕާޓްނަރަކަށް އަވަސް އޮންލައިން ހަމަޖައްސައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އޮންލައިން މީޑިޔާ ޕާޓްނަރުކަމުގެ އެއްބަސްވުމުގައި އަވަސްގެ ފަރާތުން ސޮއި ކުރެއްވީ އަވަސްގެ ސީއީއޯ އަހުމަދު ނަޒްމީ އެވެ. އަދި ފަންނު އެކްސްޕޯ އިންތިޒާމު ކުރާ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޒާމިރު އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި އަވަސް އޮންލައިންއާއެކުވި އެއްބަސްވުމުގެ ދަށުން ފަންނު އެކްސްޕޯގެ ތައްޔާރީތަކާއި އުފެއްދުންތައް ބައިވެރިކުރާ ރަށްރަށާއި ފަރާތްތަކުގެ މައުލޫމާތު ގެނެސްދޭނެ އެވެ.
މި މަހުގެ 30 ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ފަންނު އެކްސްޕޯ އޮންނާނީ، ނޮވެމްބަރު މަހު 22 އިން 28 އަށް ދަރުބާރުގެ އާއި ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގަ އެވެ.
މައުރަޒުގައި ބައިވެރިވެވޭނީ
- އަމިއްލަ ފަރުދުން
- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
- ވިޔަފާރިތަކުގެ ދާއިރާ
- ތައުލީމުދޭ މަރުކަޒުތަކުގެ ދާއިރާ
- ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
- ކްލަބް ޖަމިއްޔާ ދާއިރާ
ފަންނު އެކްސްޕޯގައި ބައިވެރި ވެވޭ 77 ކެޓަގަރީއެއް ހިމެނެ އެވެ. އެހެންވުމުގެ ސަބަބުން އެކި ހުނަރު ދައްކާލުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލިބޭ ފުރުސަތެކެވެ.
މި މައުރަޒުގައި ތަކެތި ބައިވެރި ކުރާ ކޮންމެ ދާއިރާ އަކުން ތިން ވަނައެއް ހޮވާނެ އެވެ. މުޅި މައުރަޒުން އެންމެ މަތިން މާކްސް ލިބޭ ފަސް އުފެއްދުމެއް ހޮވަ އެވެ. ހޮވާނީ ބައިވެރި ކުރާ ތަކެތީގެ ތެރެއިން، ކޮންމެ ގިންތި އަކުންވެސް 85 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ ތަކެތި މައުރަޒުގެ ރަންވަނަ އަށް ވާދަކުރާ ގޮތަށެވެ. އަދި އޭގެ ތެރެ އިން ފަނޑިޔާރުން ކަނޑައަޅާ އެންމެ ރަނގަޅު ފަސް އުފެއްދުމަކަށް ރަން ވަނަ ދެވޭނެ އެވެ.
ފަންނު އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެ އިން ހޮވާލެވޭ ފަސް އުފެއްދުމަކަށް ހާއްސަ އެހީތަކެއް ވެސް ލިބޭނެ އެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ ދިވެހި އުފެއްދުންތައް ވިއްކާ ފިހާރާގައި މި އުފެއްދުންތައް ޑިސްޕްލޭ ކުރާނެ އެވެ. އަދި ދުބާއީގައި އޮންނަ ހަ މަސް ދުވަހަށް ދެމިގެންދާ "އެކްސްޕޯ 2020" ގައި އެ އުފެއްދުންތައް ބައިވެރި ކުރަން ފުރުސަތު ދޭނެ އެވެ. އަދި އެ ފަސް ފަރާތަކަށް އެހީވެދީ އެއިން ކޮންމެ ފަރާތަކަށް އެސްޑީއެފްސީ އިން އެއް މިލިއަން ރުފިޔާގެ ލުއި ލޯނެއް ދޭނެ އެވެ.
އަވަސް އިން މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ ބޮޑެތި އިވެންޓުތަކުގެ އޮންލައިން މީޑިޔާ ޕާޓްނަރުކަން ނަގައި، އެ އިވެންޓުތައް ޕްރޮމޯޓް ކޮށްދީފަ އެވެ. މިގޮތުން ރާއްޖޭގައި މިހާތަނަށް ބޭއްވި ފެރެންޗައިޒް ޝޯ ކަމަށްވާ "މޯލްޑިވިއަން އައިޑަލް" ގެ މީޑިއާ ޕާޓްނަރުކަން ދެ އަހަރުކޮށްދީފައިވެ އެވެ. މީގެ އިތުރުން ހޮޓެލް އޭޝިއާ އާއި ވެކޭޝަން އެކްސްޕޯ ފަދަ ވިޔަފާރީގެ ބޮޑެތި އިވެންޓު ތަކެއް ހިމެނެ އެވެ.