މެދުކެނޑުމަކަށް ފަހު އިނގިރޭސި ޕްރިމިއާ ލީގްގައި އަލުން ވާދަ ކުރަމުން އަންނަ ނޯވިޗް ސިޓީން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް ލައިފި އެވެ.
ނޯވިޗުން މެޗު ކާމިޔާބު ކުރީ 3-2 ން ނެވެ. އަނިޔާގެ ސަބަބުން ނޯވިޗް މެޗަށް ނުކުތީ ޓީމުގެ އަށް ކުޅުންތެރިޔަކު އެއްފަރާތް ކުރުމަށް ފަހު އެވެ. ނަމަވެސް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ނޯވިޗުން ރަނގަޅަށް އެޑްވާންޓޭޖު ނެގި އެވެ. މެޗުގެ 30 މިނެޓަށް ދިއުމުގެ ކުރިން އެ ޓީމުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ.
ނޯވިޗްގެ ފުރަތަމަ ލަނޑު ކެނީ މެކްލީން ކާމިޔާބު ކުރީ މެޗުގެ 18 ވަނަ މިނެޓްގަ އެވެ. އޭނާ ލަނޑު ޖެހީ އެމިލިއާނޯ ބުއެންޑާ ނެގި ކޯނަރުގައި ސިޓީގެ ކުޅުންތެރިންނަށް މެކްލީން މާކު ނުކޮށް ހުރުމުން އެކަމުގެ ފައިދާ ނަގައިގެންނެވެ. ދެ ވަނަ ލަނޑު އޭގެ 10 މިނެޓް ފަހުން ކާމިޔާބު ކުރީ ޓޮޑްކާންޓްވެލް އެވް.
ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ސާޖިއާ އަގުއޭރޯ ވަނީ ސިޓީއަށް ލަނޑު ކާމިޔާބު ކޮށްދީ އެ ޓީމަށް އުންމިދެއް ހޯދައިދީފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ސިޓީއަށް ރަނގަޅަށް ގޭމްގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ޓީމޫ ޕޫކީ ވަނީ ނޯވިޗްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ސިޓީއަށް ކުރަން ޖެހޭ މަސައްކަތް ދެ ގުނަވެގެން ދިޔަ އެވެ. އެޓީމުގެ ދެ ވަނަ ލަނޑު 88 ވަނަ މިނެޓްގައި ރޮޑްރީ ހެނާންޑޭޒް ކާމިޔާބު ކުރި ނަމަވެސް، މެޗުގައި ބާކީ ލިބުނު ވަގުތުގައި ސިޓީއަށް ބޭނުމެއް ނުހިފުނެވެ.
މިއީ މި ސީޒަންގައި ސިޓީގެ ފުރަތަމަ ބައްޔެވެ. އަދި ޖަނަވަރީގެ ފަހުން ޕްރިމިއާ ލީގްގައި އެ ޓީމަށް ކުރިމަތިވި ފުރަތަމަ ބަލިވެސް މެއެވެ. މެޗުން ބަލިވުމުން ލިވަޕޫލާއި ސިޓީ އާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ވަނީ ފަސް ޕޮއިންޓަށް ދެމިގެން ގޮސްފަ އެވެ.