ޓީސީ

ކުޅުންތެރިންވެސް ޓީމު ދޫކޮށްލުމުގެ ހުއްދަ ޓީސީން ދީފި

މިވަގުތު ކުލަބަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން، ޓީމު ދޫކޮށް ދާން ބޭނުންވާ ކުޅުންތެރިންނަށް އެ އިހްތިޔާރު ޓީސީން ދީފި އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ ސަބަބުން ކުޅުންތެރިންނާއެކު އެދެވޭ ގޮތެއްގައި މަސައްކަތް ކުރުމުގެ މާހައުލެއް ކުލަބުގައި ނެތުމުން، ޓީސީގެ ކޯޗު ކަމުގައި ހުރި މުހައްމަދު އާތިފް (އާތީ) ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

ޓީސީ އަކީ ދިވެހި ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. ބަދަލު ތަކާއެކު މި އަހަރު ސީޒަނަށް އެ ޓީމު ކުރިމަތިލީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކާއެކު އެވެ. ޓީސީގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ކުޅުންތެރިންނާ ބައްދަލު ކޮށް، ޓީމަށް ކުރިމަތި ވެފައިވާ މާލީ ހާލަތުގެ ވާހަކަ ކުޅުންތެރިންނަށް ކިޔައިދީފައިވާ ކަމަށެވެ.

"ކުޅުންތެރިން ގާތު ބުނިން ކުލަބުން ދޫކޮށްލަން ބޭނުންވާ ކުޅުންތެރިޔަކު ހުރި ނަމަ އެ ކުޅުންތެރިޔަކަށް އެ ހުއްދަ ކުލަބުން ދޭނެ ކަމަށް ބުނެފައި ވަނީ،" ޓީސީގެ އޮފިޝަލް ވިދާޅުވި އެވެ. "އަދި އެ ކުޅުންތެރިޔަކު ކުލަބު ދޫކޮށްލަން ބޭނުންވިޔަސް ކުލަބުން އިއުތިރާޒެއް ނުކުރާނެ، ކުލަބަށް ފައިސާ ހަމަޖެހުނުހާ އަވަހަކަށް ނުދެވި ހުރި މުސާރަތައް ދޭނެ ކަމަށް ބުނެފައި ވާނީ."

ޓީސީގެ ކޯޗު ކަމުން އާތީ އިސްތިއުފާ ދިނުމުން، ޓީސީގެ ޓީމުގެ ޓްރޭނިންތައް ގެންދާނީ އެސިސްޓެންޓް ކޯޗުންގެ ބެލުމުގެ ދަށުންނެވެ.

އިސްތިއުފާ ދިނުމަށް އާތީ ފޮނުވި ސިޓީގައި ބުނެފައި ވަނީ، ކުޅުންތެރިންގެ ކަންކަމާ ގުޅިގެން ހުރި ކަންބޮޑުވުން ތަކާ ހެދި އެ ކުޅުންތެރިންގެ ޕާފޯމަންސަށް އަސަރު ކުރަމުން އަންނާތީ ސީނިއާ މެނޭޖުމެންޓާ އެ ވާހަކަ ދެއްކުމަށް އެކިފަހަރުމަތިންވެސް މަސައްކަތް ކޮށް ކާމިޔާބު ވެފައި ނުވާ ކަމަށެވެ. އަދި ހާލަތު އެގޮތަށް އޮތުމަކީ އެކަށީގެންވާ ޕްރެކްޓިސްތަކެއް ކުރެވޭނެ މާހައުލެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ސިޓީގައި ބުނެފައި ބުނެފައި ވެއެވެ.

ޓީސީގެ ކޯޗް ކަމާ އާތީ މިއަހަރު ހަވަލުވީ މިދިޔަ ދެ އަހަރު ގައުމީ އަންހެން ޓީމުގެ ހެޑްކޯޗުގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު އެވެ. އަންހެން ގައުމީ ޓީމުން ހޯދި އިންޓަނޭޝަނަލް ފުރަތަމަ މެޑަލް ހޯދީ އާތީގެ ކޯޗު ކަމުގަ އެވެ.

ވިކްޓަރީ އާއި ޔުނައިޓަޑް ވިކްޓަރީއަށް ވެސް ކުރިން ކޯޗް ކޮށްދިން އާތީ ވަނީ ޔޫވީ އާއެކު ދިވެހި ޕްރިމިއާ ލީގްގެ ހަތަރު ވަނަ މަގާމު 2016 ވަނަ އަހަރު ހޯދާފަ އެވެ. އަދި އެ އަހަރު ވަރުގަދަ މާޒިޔާ ބަލިކޮށް އެފްއޭ ކަޕްުގެ ސެމީ ފައިނަލަށް ދަތުރު ކުރި އެވެ.

އުނދަގޫ ހާލަތެއްގައި އޮތް ވިކްޓަރީގެ ކޯޗް ކަމުން މުހައްމަދު އާދަމްވެސް ވަނީ އިސްތިއުފާ ދީފަ އެވެ. އޭނާ ބުނެފައި ވަނީ، މުޅިން ޒުވާން ޓީމަކާއެކު ވިކްޓަރީން ސީޒަނަށް ކުރިމަތިލީއިރު ސީނިއާ ފަސް ކުޅުންތެރިންގެ އިތުރުން ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސް ދޭނެ ކަމަށް މެނޭޖުމެންޓުން އޭނާގެ ގާތުގައި ބުނެފައިވީ ނަމަވެސް ސީޒަން ފެށިގެން ކުރިއަށްދާއިރުވެސް އެއިން އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ.