ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އެދިވަޑައިގެންނެވީ ފިޔަވަޅުތަކަށް އަމަލުކޮށް ނަމޫނާ ދެއްކެވުމަށް

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، މި ބައްޔާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި، އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމުގައި ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ކިބައިން އެދިވަޑައިގަންނަވައިފި އެވެ.

އެ މަނިކުފާނު މި ކަމަށް އެދިވަޑައިގެންނެވީ ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކްލަބްތަކުގެ ބައެއް އިސް ބޭފުޅުންނާއެކު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ކުޅިވަރު ކުޅުންތެރިން ހާއްސަކޮށް އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކުޅިވަރު ކުޅުންތެރިންނަކީ ރައްޔިތުންގެ އިހުތިރާމާއި ގަދަރު ލިބިފައިވާ ބައެއް ކަމުގައެވެ. ރައީސް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންނެކޭ އެއް ފަދައިން ކުޅުންތެރިން ވެސް، ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމުގައިވާ ގައިދުރުކަމާއި މޭސްކު އެޅުމާއި އާންމު ސާފުތާހިރުކަމަށް އާންމުން ހޭލުންތެރިކޮށް ނަމޫނާ ދެއްކުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައެވެ. އަދި ވެކްސިން ޖެހުމަށް އާންމުންނަށް ބާރު އެޅުމަށް ވެސް އެ ބޭފުޅުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުލަބުތައް ތަމްސީލުކުރައްވާ ބޭފުޅުން ވަނީ ދިވެހި ފުޓުބޯޅަ ލީގުގެ މެޗުތައް އަލުން ފެށުމާ ގުޅޭގޮތުން ވެސް އެ ބޭފުޅުންގެ ހިޔާލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ. މި ކަމުގައި ހުރި ގޮންޖެހުންތަކާއި އެ ކަންކަން ހައްލު ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން، ކުލަބުތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ވާހަކަ ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.

ރައީސް ވަނީ ގުޅުންހުރި ވުޒާރާތަކާއި މަޝްވަރާކުރައްވާ، ކުލަބުތަކުން ހުށައެޅި ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ އަށް ކުލަބުގެ ކުޅުންތެރިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް އިއްޔެ ވަނީ ފަށާފައެވެ.

ލީގްގައި ކުޅޭ، ބިދޭސީ ކުޅުންތެރިންނަށް ވެސް ވެކްސިން ދޭނެ އެެވެ.

"މިއީ ލީގްގެ ކުޅުން އަލުން ފެށުމުގެ ކުރިން ފުރަިހަމަ ކުރަން ޖެހޭ ބައެއް ކަންތައްތައް. އޭގެ ތެރެއިން ފުރަތަމަ ކަމަކަށް މިއަދު މި ފެށިގެންދަނީ ކުޅުުންތެރިންގެ ވެކްސިން ޕްރޮގްރާމް." އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަވަސްއަށް ވިދާޅުވި އެވެ.