އޭޑިކޭ ހޮސްޕިޓަލް

އޭޑީކޭއިން ކުރި އޮޕަރޭޝަނެއް ލައިވްކޮށް ދައްކާލައިފި

އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރަން ހަމެޖެހިފައިވާ އޮޕަރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެއް ލައިވްކޮށް ދައްކާލައިފި އެވެ.

އޭޑީކޭއިން މިއަދު ކުރިއަށް ގެންދާ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" ގެ ދަށުން އެ ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ވަނީ މައި ބަދައިގެ އޮޕަރޭޝަނެއް ލައިވްކޮށް ދައްކާލައިފަ އެވެ. މި އޮޕަރޭޝަންގައި ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ގޮތުން ލައިވްކޮށް ދެއްކި އެ އޮޕަރޭޝަންގެ ޓީމުގައި އިސްކޮށް ހުންނެވީ ދިވެހި ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފް އެވެ. އޭނާއައެކު ދެން ބައިވެރިވެވަޑައިގެންނެވީ ކޮންފަރެންސަށް ވަޑައިގެންނެވި އެމެރިކާގެ ތިން ނިއުރޯ ސާޖަނުންނެވެ. އެއީ ޑރ. ރިޗަޑް ޗުއާ، ޑރ. ރިޗަޑް ހޮންސީ، އަދި ޑރ. ފާރޫގް ރިޒާ ފަރޯކީ އެވެ.

އޭޑީކޭއިން ލައިވްކުރި އޮޕަރޭޝަންގެ ތެރެއިން އޮޕަރޭޝަންގެ ބައިވެރިންނަށް ލައިވްކޮށް ސުވާލު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވެ އެވެ. ލައިވްކޮށް އޮޕަރޭޝަން ދެއްކުމުގެ މަގްސަދަކީ އެ އޮޕަރޭޝަންތަކުގެ މައުލޫމާތާއި ހުނަރު ދަސްކޮށްދިނުން ކަމަށް އޭޑީކޭއިން ބުނެ އެވެ.

މިއަަދު ފެށި ކޮންފަރެންސްގެ ދަށުން އިތުރު އޮޕަރޭޝަނެއް ވެސް ލައިވް ކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ.

"ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" އެއް އޭޑީކޭއިން އެންމެ ފުރަތަމަ ބޭއްވީ 2017 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް އެ ހޮސްޕިޓަލުން ގެންދަނީ އެ ކޮންފަރެންސް ބާއްވަމުންނެވެ. މިދިޔަ އަހަރު ބޭއްވި ކޮންފަރެންސްގައި ވެސް އޭޑީކޭއިން ލައިވްކޮށް އޮޕަރޭޝަނެއް ދެއްކި އެވެ.