ކުޅިވަރު

ޖޫންގައި ސީޒަން ފެށުމުގެ ފައިދާއެއް ނުފެނޭ

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޖޫން މަހު ފެށުމުން ވެސް އެއްވެސް ފައިދާއެއް ފުޓްބޯޅައަށް ނުލިބޭ ކަމަށް، ކުލަބު ގުރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ޕްރީ މެޗު ޕްރެސްގައި، ވާހަކަ ދައްކަމުން ސުޒޭން ބުނީ، ޖޫންގައި ސީޒަން ފަށަން ވާހަކަ ދައްކާތޫ އެކަމާ ދެކޮޅަށް އޭނާ އާއި ބައެއް މީހުން ވާހަކަ ދެއްކުމުން، ކުލަބުތަކުން އޭރު ބުނަމުން ދިޔައީ ޖޫންގައި ސީޒަން ފެށުމުން ކުލަބުތަކުގެ ފައިނޭންސް ކަންކަން ރަނގަޅުވާނެ ވާހަކަ ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައަށް ވެސް ކުރިއެރުން ލިބޭނެ ކަމުގެ ވާހަކަތައް ވެސް ކުލަބުތަކުން ދެއްކި ކަމަށެވެ.

"ކޮބައިތޯ ލިބުނު ރަނގަޅު ކަމަކީ؟ ކުލަބުތަކުން އެ ވާހަކަ ދެއްކި މީހުން ކޮބައިތޯ، ޖޫންގައި ފަށައިގެން ރަނގަޅުވިތޯ،" ސުވާލު އުފައްދައި ސުޒޭން ވާހަކަ ދެއްކި އެވެ. "ޖޫން މަސް ދިޔަތާ ތިން މަސް ފަހުން ކުލަބުތަކުން ކޯޗުންތައް އިސްތިއުފާ ދެމުން މުސާރަތައް ތިން މަހަށް ޕެންޑިން ވަމުން މިއޮއް ދަނީ، ޖޫންގައި ފަށައިގެން ދިވެހި ފުޓްބޯޅައަށް ރަނގަޅުވި އެއްކަމެއް ވެސް ވިދާޅުވެއް ދެއްވާ؟"

އޭނާ ބުނީ، މާޒިޔާ ފިޔަވައި ހުރިހާ ޓީމެއްގެ ހާލަތު ވެސް އޮތީ މާލީ ގޮތުން ދަށުގައި ކަމަށެވެ. އެކަމަކު ގްރީންގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށް ސުޒޭން ބުންޏެވެ.

ފުޓްބޯލް ސީޒަންގެ ކަލަންޑަރު ނެރުނުއިރު ވޯލްޑްކަޕް ކޮލިފިކޭޝަންގެ މެޗުތައް އަންނާނެ ތާރީހުތައް އެންމެންނަށް ވެސް އެނގޭ ކަމަށާއި އެއަށް ވިސްނައި ދުރާލައި ޝެޑިއުލް ނުނެރުނީ ކީއްވެގެންތޯ ވެސް ސުޒޭން ސުވާލު އުފެއްދި އެވެ.


އެނާ ބުނީ ފުޓްބޯޅައިގެ މިއޮތް ހާލަތު އެކަކު އަނެކަކުގެ ބޮލުގައި އެޅުވުމަށްވުރެ މިހާރު އޮތް ހާލަތު މީޑިއާގައި ގެނެސް ދިނުން މާރަނގަޅު ވާނެ ކަމަށެވެ.