ކުޅިވަރު

ޕްރޯ ލައިސެންސް ކޯޗިން ކޯހަށް ސުޒޭނާއި އިންމަ

އޭއެފްސީ ޕްރޯ ލައިސެންސް ކޯހުގެ ފުރުސަތު، ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭނާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) އަށް ދިނުމަށް އެފްއޭއެމުން ނިންމައިފި އެވެ.

ބައިނަލްއަގްވާމީ ކޮންފެޑްރޭޝަންތަކުގެ ކޯޗިން ލެވަލްގެ އެންމެ ފަތީ ފާސް އޮތް ކޯޗުންގެ އަދަދު ފަހަކަށް ފަހަކަށް ހެދުމަކީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މި ދައުރުގެ އެއް ވައުދެވެ. ޖުލައި ދެ ވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި ރައީސް ކަމަށް އިންތިހާބު ވުމަށް ފަހު ބައްސާމް ވިދާޅުވެފައި ވަނީ، ކޯޗިން އެޑިއުކޭޝަންގައި މިދިޔަ ދައުރުގައި އަލަށް ގިނަ ކޯޗުންތަކެއް ތަމްރީން ކުރެވިއްޖެ ކަމަށާއި ކޯޗިން އެޑިއުކޭޝަންގައި މި ދައުރުގައި އެންމެ އިސްކަން ދެއްވާނެ އެއް މަސައްކަތަކީ ޕްރޯ ލައިސެންސް އޮތް ދިވެހި ކޯޗުންގެ އަދަދު އިތުރު ކުރުން ކަމަށެވެ.

ރާއްޖޭގައި ޕްރޯ ލައިސެންސް ހާސިލު ކޮށްފައިވާ ދެ ކޯޗުން މިހާރުވެސް އެބަތިއްބެވެ. އެއީ އެންމެ ފުރަތަމަ ޕްރޯ ލައިސެންސް ހާސިލު ކުރި ޓީސީގެ މިހާރުގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) އާއި ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އެވެ. ޝާޒް ލައިސެންސް ހާސިލު ކުރީ މިދިޔަ އަހަރު އެވެ. ޝާޒް އަކީ ބީ ލައިސެންސަށް ކިޔަވައި ދިނުމުގެ ހުއްދަ އޭއެފްސީއިން ދިން ފުރަތަމަ ދިވެހި އިންސްޓްރަކްޓަރުވެސް މެއެވެ. މޯހަން ލައިސެންސް ހާސިލު ކުރީ މި އަހަރު އެވެ.

ޕްރޯ ލައިސެންސް ކޯޗިން ކޯހަށް، ހުރިހާ ހަރަދެއް ކުރާނީ އެފްއޭއެމުން އިންނެވެ. މިދިޔަ އަހަރު ކުލަބު ގްރީން ސްޓްރީޓްސްގައި މަސައްކަތް ކުރުމަށް ފަހު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް ކަމަށް ސުޒޭން ހަމަ ޖެއްސީ ފެބްރުއަރީ މަހު އެވެ. މިހާރު އެކްޓިވްކޮށް ފުޓްބޯޅައިގައި މަސައްކަތް ކުރާ ކޯޗުންގެ ތެރެއިން އެންމެ ގިނަ ތަށި ހޯދާފައިވާ ކޯޗަކީ ސުޒޭން އެވެ. ކުރީގެ ޑިފެންޑަރު ވަނީ ކޯޗެއްގެ ގޮތުގައި 11 ތަށި ހޯދާފަ އެވެ. އޭނާ އެންމެ ގިނަ ކާމިޔާބު ހޯދައިދިނީ އެންމެ ގިނަ ދުވަހު ކުޅެ އެންމެ ގިނަ މަސައްކަތްތަކެއް ކުރި ވިކްޓަރީގަ އެވެ. އެ ކުލަބަށް ހަ ތަށި ހޯދައިދިެނެވެ. އެއީ ޕްރެޒިޑެންޓް ކަޕްގެ ތިން ތަށި، އެފްއޭ ކަޕްގެ ދެ ތަށި އަދި މާލޭ ލީގްގެ އެއް ތައްޓެވެ. އޭނާގެ ކުރީގެ ކުލަބު މާޒިޔާއަށް ދިވެހި ޕްރިމިއާ ލީގް އެއް ފަހަރު، ޕްރެޒިޑެންޓް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ހޯދައިދިނެވެ.

ކޯޗެއްގެ ގޮތުގައި މަސައްކަތް ފެށި ފަހުން ކުލަބަކުން އޭނާ ނުފެންނާނެ ދެ ވަނަ ސީޒަނަށް ކުރިއަށް އޮތް ސީޒަން ވެގެންްދާނެ އެވެ. މީގެ ކުރިން އޭނާ ނުފެނުނު ސީޒަނަކީ 2013 ވަނަ އަހަރުގެ ސީޒަނެވެ. އެ އަހަރު އޭނާ މަސައްކަތް ކުރީ އެފްއޭއެމްގައި ޑައިރެކްޓާ އޮފް ނެޝަނަލް ޓީމްސްގެ މަގާމުގަ އެވެ.

އިސްމާއީލް މަހްފޫޒް (އިންމަ) ކޯޗިން ކެރިއާ ފެށީ މާޒިޔާއިންނެވެ. މާޒިޔާއިން ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށީ އިންމަގެ ކޯޗް ކަމުގަ އެވެ. އޭނާ ވަނީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕް މާޒިޔާއަށް ހޯދައިދީފަ އެވެ. ކުޅުނު ދުވަސް ވަރު އިންމަ އަކީ ޑެޑް ބޯލްތަކުގެ އެކްސްޕޯޓެވެ. އޭނާ ވަނީ ހިލޭ ޖެހުންތަކުގައި ގިނަ ލަނޑުތަކެއް ޖަހާފަ އެވެ. ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗްގެ މަގާމު އަދާ ކުރި އިންމަ ވަނީ އިންޓަރިމް ކޯޗެއްގެ ގޮތުގައި ބައެއް މެޗުތަކުގައި ގައުމީ ޓީމަށް އިރުޝާދު ދިފަ އެވެ.