ރޭ ނަޕޯލީ އަތުން 2-0 ބަލިވީ، ރެފްރީގެ ގޯސް ނިންމުމަކާ ހެދި ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ނަޕޯލީގެ ފުރަތަމަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ. ނަޕޯލީއަށް ދިން ޕެނަލްޓީއާ މެދު ކްލޮޕް ސުވާލު އުފެއްދި އެވެ. އެ ޕެނަލްޓީ ދިނީ ލިވަޕޫލްގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އެންޑީ ރޮބަޓްސަން، ނަޕޯލީގެ ހޯޒޭ ކެލޭހޮން އަށް ޗާޖު ކުރުމުން ކެލޭހޮން އޭރިއާ ތެރެއަށް ވެއްޓިގެނެވެ. ކްލޮޕް ތުހުމަތު ކުރަނީ ޑައިވް ކުރީ ކަމަށެވެ.
މެޗުގެ 82 ވަނަ މިނެޓްގައި ލިބުނު އެ ޕެނަލްޓީން ނަޕޯލީއަށް ލީޑް ނަގައިދިނީ ޑްރީސް މާޓެންސް އެވެ.
"އަހަންނަށް ޔަގީން އެ ހާލަތުގައި ތަފާތު ގޮތަށް ދެކެވޭނެ ގޮތަށް ކަންތައް ދިމާވިކަން،" ޕެނަލްޓީއެއް ކަމަށް ދެއްކި ފައުލާ ބެހޭގޮތުން ކޮލޮޕް ބުންޏެވެ. "ކުޅުންތެރިޔާއަށް ޗާޖު ކުރުމުގެ ކުރިން އޭނާ ޖަމްޕް ޖަހައިފިއްޔާ އެ ނުވާނެ ޕެނަލްޓީ އަކަށް، އެހާ ހިސާބުން މުޅި މެޗު ބަދަލު ވެގެން ދިޔައީ."
ނަޕޯލީގެ ދެވަނަ ލަނޑަކީ، ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކަށް ހެދުނު ވަރަށް އާދައިގެ މިސްޓޭކެއްގައި ނަޕޯލީގެ ފެނާންޑޯ ޔުރެންޓޭ އޭނާ ގާތުން ނައްޓާލުމަށް ފަހު ގޯލްގެ ތެރެއަށް ވައްދާލި ލަނޑެކެވެ.
ނަޕޯލީއަށް ދިން ޕެނަލްޓީ އާ ބެހޭގޮތުން އެ ޓީމުގެ ކޯޗް ކާލޯ އަންޗެލޯޓީ ބުނީ އޭނާ ހުރި ހިސާބުން އެކަން ފެންނަނީ ފައުލެއްގެ ގޮތުގައި ކަމަށާއި ރެފްރީގެ އެ ނިންމުމާ ބެހޭގޮތުން ވާހަކަ ދައްކަން އޭނާ ބޭނުން ނުވާ ކަމަށެވެ.