ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރޭންޖާސް 7-1 އިން ބަލިކުރި މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ބެންޗުން ކުޅެން އަރައި އެންމެ ހަ މިނިޓްތެރޭ ހެޓްރިކް ހަދައިފި އެވެ.
ހެޓްރިކާ އެކު ސަލާހް ވަނީ ޗެމްޕިއަންސް ލީގުގެ ދެ ރެކޯޑެއް މުގުރާލާފަ އެވެ. މެޗުގައި ސަލާހް ހެޓްރިކް ހެދީ ހަ މިނިޓް 12 ސިކުންތުންނެވެ. މިއާއެކު ސަލާހް ވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ އަވަސް ހެޓްރިކް ހެދި ކުޅުންތެރިޔާ އަށް ވެފަ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 2011 ވަނަ އަހަރު އަށް މިނިޓުން ހެޓްރިކް ހެދި ލިޔޯންގެ ބެފަޓިމްބީ ގޯމިސް އަތުގަ އެވެ.
އެންމެ އަވަސް ހެޓްރިކް ލިސްޓުގައި ތިބި އެހެން ކުޅުންތެރިންނަށް ބަލާއިރު 11 މިނިޓުން ހެޓްރިކް ހެދި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި 12 މިނިޓުން ހެޓްރިކް ހެދި ރޮބާޓް ލެވަންޑޯސްކީ ފާހަގަކޮށްލެވެ އެވެ.
ރޭގެ މެޗުގައި ޖެހި ތިން ގޯލާ އެކު ސަލާހް ވެފައިވަނީ އިނގިރޭސި އެއް ކްލަބަކަށް ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއަށެވެ. ސަލާހް މިހާރު 38 ގޯލު ޗެމްޕިއަންސް ލީގުގައި ހަމަކޮށްފައިވާއިރު ދެ ވަނައިގައި އޮތީ 36 ގޯލު ޖަހާފައިވާ ޗެލްސީގެ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ އާއި މެންޗެސްޓާ ސިޓީ ސާޖިއޯ އަގުއޭރޯ އެވެ.
ރޭންޖާސް ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އެޓީމުންނެވެ. އެކަމަކު ލިވަޕޫލުން ވަނީ މުޅި މެޗުގެ ކޮންޓްރޯލް ހޯދައި ފަހަތުން އަރައި ހަތް ގޯލު ޖަހައިފަ އެވެ. ރޭންޖާސް އިން މެޗުގައި ލީޑު ނެގި ގޯލު 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްކޮޓް އާފީލްޑް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ ރޮބާޓޯ ފިރްމީނޯ އެވެ.
ލިވަޕޫލުން ބާކީ ހަ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ސަލާހްގެ އިތުރުން މި ހާފުގައި ފިރްމީނޯ އިތުރު ލަނޑެއް ޖެހިއިރު ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ ޑާވިން ނޫނޭޒް އާއި ހާވީ އެލިއޮޓް އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އެލިއޮޓް ޖެހި ފުރަތަމަ ލަނޑެވެ.
ނޫނޭޒްގެ ބަދަލުގައި ސަލާހް ކުޅެން އެރީ 68 ވަނަ މިނިޓުގަ އެވެ. ސަލާހް ހެޓްރިކް ހެދި ގޯލުތައް ޖެހީ 76، 80 އަދި 81 ވަނަ މިނެޓުގަ އެވެ. ސަލާހްގެ މި ތިން ގޯލަށް ވެސް އެހީތެރިވެދިނީ ޑިއޯގޯ ޖޯޓާ އެވެ.
މި ގްރޫޕުގައި ހިމެނޭ ނަޕޯލީ ރޭ ވަނީ އަމިއްލަ ދަނޑުގައި 2-4 އިން އަޔަކްސް ބަލިކޮށް ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. 12 ޕޮއިންޓާ އެކު ނަޕޯލީ އެއްވަނައިގައި އޮތްއިރު ނުވަ ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ދެވަނައިގަ އެވެ. އަނެއް ބުރަށް ދިއުމަށް ބާކީ އޮތް ދެ މެޗުން ލިވަޕޫލަށް ބޭނުންވަނީ ޕޮއިންޓެކެވެ. މި ގްރޫޕުގެ ތިން ވަނައިގައި އޮތީ ތިން ޕޮއިންޓް ލިބިފައިވާ އަޔަކްސް އެވެ. ފުލުގައި އޮތް ރޭންޖާސް އަށް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ.