ކުޅިވަރު

ލިވަޕޫލް ދެވަނަ ބުރަށް، ޓޮޓެންހަމް އަށް އިތުރު އިންތިޒާރެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި 3-0 އިން އަޔަކްސް ބަލިކޮށް ލިވަޕޫލް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރިއިރު އަމިއްލަ ދަނޑުގައި ސްޕޯޓިން ލިސްބަންއާ 1-1 އިން އެއްވަރުވެ އަނެއް ބުރަށް ދިއުމަށް ޓޮޓެންހަމް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

އަޔަކްސްއާ އެއްވަރު ކޮށްލައިގެން ވެސް ލިވަޕޫލަށް ދެވަނަ ބުރު ޔަގީންވީހެވެ. ލިވަޕޫލުން ރޭގެ މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގައި ދެއްކި މޮޅު ކުޅުމުންނެވެ. ފުރަތަމަ ހާފުގައި ލިވަޕޫލްގެ ހަމަލާތައް މަދުވި ނަމަވެސް ލިބުނު ފުރުސަތުގައި 42 ވަނަ މިނެޓުގައި މުހައްމަދު ސަލާހް އެޓީމަށް ލީޑު ނަގައިދިނެވެ. ދެވަނަ ހާފުގައި ލިވަޕޫލަށް ލީޑު ފުޅާކޮށްދިން ލަނޑުތައް ކާމިޔާބުކޮށްދިނީ ޑާވިން ނޫނޭޒް އާއި ހާވީ އެލިއޮޓް އެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އަނެއްކާ ވެސް ދެވަނަ ބުރުގެ ޖާގަ ޔަގީންކުރެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ތިން ފަހަރު ކުޅެ އެއް ތަށި ހޯދައިފަ އެވެ.

މި ގްރޫޕުގެ އެއްވަނައިގައި އޮތީ 15 ޕޮއިންޓް ހޯދާފައިވާ ނަޕޯލީ އެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 12 ޕޮއިންޓް ލިބިފައިވާއިރު ތިން ޕޮއިންޓާ އެކު އަޔަކްސް ދެން ޖެހޭނީ ޔޫރޮޕާ ލީގުގައި ވާދަކުރާށެވެ. ފުލުގައި އޮތް ރޭންޖާސް އަށް ޕޮއިންޓެއް ނުލިބެ އެވެ.

ފަހު މެޗުގައި އަންނަ ހަފްތާ ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންނާނީ ނަޕޯލީއާ ދެކޮޅަށެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ގްރޫޕުގެ އެއްވަނަ ނަޕޯލީ އަށް ލިބޭނެ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ޓޮޓެންހަމް އެއްވަރުވީ ފަހު ވަގުތު ހެރީ ކޭން ޖެހި ގޯލެއް އޮފްސައިޑް ކަމަށް ވީއޭއާރުން ނިންމުމުންނެވެ. ކޭންގެ ގޯލު ބަލައިގަތްނަމަ އެޓީމަށް އަނެއް ބުރުގެ ފުރުސަތު ކަށަވަރުވީހެވެ. އެކަމަކު އޮފްސައިޑް ކަމަށް ނިންމުމުން ޓޮޓެންހަމުން ހިތްހަމަ ނުޖެހުން ފާޅުކުރިއިރު ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ރޭގެ މެޗުގައި ލީޑު ނެގީ ސްޕޯޓިން އިންނެވެ. 22 ވަނަ މިނެޓުގައި އެޓީމަށް މި ގޯލު ކާމިޔާބުކޮށްދިނީ ކުރިން ޓޮޓެންހަމްގެ ޒުވާން ޓީމުގައި ހިމެނުނު މާކަސް އެޑްވާޑްސް އެވެ. މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ޓޮޓެންހަމް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ރޮޑްރީގޯ ބެންޓަންކުއާ އެވެ.

މި ގްރޫޕުގައި ރޭ އެއިންޓްރަކް ފްރެންކްފާޓް ވަނީ 1-2 އިން މާސޭ ބަލިކޮށްފަ އެވެ. ފަހު މެޗުތަކަށް ދާއިރު ހަތަރު ޓީމަށް ވެސް އަނެއް ބުރުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ. އެއްވަނައިގައި އަށް ޕޮއިންޓާ އެކު ޓޮޓެންހަމް އޮތްއިރު ދެވަނައިގައި އޮތް ސްޕޯޓިން އާއި ތިންވަނައިގައި އޮތް ފްރެންކްފާޓް އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ހަ ޕޮއިންޓާ އެކު ފުލުގައި އޮތް މާސޭ އަށް ވެސް އަދި ފުރުސަތު އެބައޮތެވެ.