ޗެމްޕިއަންސް ލީގް

ޕީއެސްވީ އަތުން ބަލިވި ނަމަވެސް އެއްވަނަ ލިވަޕޫލްއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ހޮލެންޑުގެ ޕީއެސްވީ އިން ލިވަޕޫލް 3-2 އިން ބަލިކޮށްފި އެވެ.

މި ބައްޔާއެކު މި ސީޒަންގައި ލިވަޕޫލުން ހިފަހައްޓަމުން އައި، ބަލިނުވާ ރެކޯޑަށް ވަނީ ނިމުމެއް އައިސްފަ އެވެ.

ޕީއެސްވީގެ ފިލިޕް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ލިވަޕޫލުންނެވެ. 2މެޗުގެ 8 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކޯޑީ ގެކްޕޯ ވަނީ ގޯލަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވަނީސް ޖޯން ބަކަޔަކޯ ވަނީ ޕީއެސްވީއަށް ފުރަތަމަ ގޯލު ޖަހައިދީ މެޗު އެއްވަރުކޮށްދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ހާވީ އެލިއޮޓް ވަނީ އަނެއްކާވެސް ލިވަޕޫލް އަށް އިތުރު ގޯލެެއ ޖަހައިދީފަ އެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން އިސްމައިލް ސައިބަރި ވަނީ މެޗު އަނެއްކާވެސް އެއްވަރުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރިކާޑޯ ޕެޕި ވަނީ ޕީއެސްވީގެ ތިންވަނަ ގޯލު ޖަހާފަ އެވެ.

ދެވަނަ ހާފުގައި ދެ ޓީމަށްވެސް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އިތުރު ގޯލެއް ނުޖެހި މެޗު ނިމުނީ 3-2 އިން ޕީއެސްވީ ކުރީގައި އޮވެގެންނެވެ.

މިމެޗަކީ މިދިޔަ ސީޒަންގައި ޕީއެސްވީގެ ކޯޗަކަށް ހުރި އާނޭ ސްލޮޓު މިހާރު ކޯޗުކުރާ ލިވަޕޫލްއާ ކުރިމަތިލި މެޗަކަށް ވުމެވެ. ރޭގެ މެޗުގައި ސްލޮޓު ވަނީ ލިވަޕޫލްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

މި ބައްޔާއެކު ވެސް ލިވަޕޫލް އަދިވެސް އޮތީ ޗެމްޕިއަންސް ލީގު ޓޭބަލްގެ އެއްވަނައިގަ އެވެ.