ޗެމްޕިއަންސް ލީގް

ބާސާ ސަލާމަތްކޮށް ދިނީ ޓާސްޓެގަން

ބުރޫޝިއާ ޑޯޓަމުންޑުން ޖެހި ޕެނަލްޓީ ދިފާއު ކޮށް، ކީޕަރު މާކް އެންޑްރޭ ޓާ ސްޓެގަން، ބާސެލޯނާ ސަލާމަތް ކޮށްދީފި އެވެ. މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ދެ ވަނަ ހާފު ފެށިގެން އަށް ވަރަކަށް މިނެޓްގައި ޑޯޓަމުންޑަށް ޕެނަލްޓީ އެއް ލިބުނީ އެ ޓީމުގެ ޖޯޑަން ސެންޗޯއަށް ކުރި ފައުލާ ގުޅިގެންނެވެ. މާކޯ ރެއުސް ފޮނުވާލި ޕެނަލްޓީ ހުށިޔާރު ކަމާއެކު ޓާސްޓެގަން ދިފާއު ކުރި އެވެ. ގޯލްގެ ކަނަށް އަމާޒުކޮށް ރެއުސް ފޮނުވާލި ބޯޅަ ޓާސްޓެގަން ދިފާއު ކުރީ ވެއްޓިގެންފައި ކަހަލަ ގޮތަކަށެވެ. އޭނާ ދިފާއު ކުރި ބޯޅަ ރީބައުންސަށް ނުކުތުމުންވެސް ދެންވެސް އޭނާ ބޮޅަ ސަލާމަތް ކުރި އެވެ.

ސީޒަން ފެށުނު އިރު، އަނިޔާގައި ހުރި ބާސާގެ ކެޕްޓަން ލިއޮނަލް މެސީ އަށް މެޗުގެ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފުރުސަތު ދިނެވެ. ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބުނީ، މެސީ މެޗަށް ނުކުތީވެސް މާ ބޮޑު ޕްރެކްޓިހަކާ ނުލާ ކަމަށެވެ.

މެޗުގެ ފުރަތަމަ 11 އިން، ވަލްވެރުޑޭ ވަނީ ބާސާގައި މިހާރު ވިދަމުން އަންނަ އުމުރުން 16 އަހަރުގެ ފޯވަޑް އަންސޫ ފާޓީ އަށް ފުރުސަތު ދީފަ އެވެ. ފޯވަޑްލައިންގައި އެންޓްއާން ގްރީޒްމަން އާއި ލުއިސް ސުއަރޭޒް އާއެކު ފާޓީ ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ.