ދިވެހި ޕްރެމިއާ ލީގް

އީގަލްސް ބޮޑު ލީޑެއްގައި އޮއްވައި ޔޫވީން މެޗު އެއްވަރުކޮށްފި

ފުަރަތަމަ ހާފުގައި ކުލަބު އީގަލްސް އިން ތިން ލަނޑު ޖަހައި ލީޑް ނަގާފައިވަނިކޮށް، ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުތަކުން ޔުނައިޓަޑް ވިކްޓަރީން މެޗު 4-4 ން އެއްވަރު ކޮށްފި އެވެ.

މެޗު ކުޅެން 48 ގަޑިއިރަށް ވެފައި ވަނިކޮށް، އީގަލްސްގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ، އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) ބޮޑު އަދަދަކުން ޖޫރިމަނާކޮށް، އެ ފައިސާ ދެއްކުމުން ނޫނީ އެ ދެ ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް އެފްއޭއެމުން ވަނީ އަންގާފައެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ގުއާމް އާ ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރުވާން ގައުމީ ޓީމާއެކު ލަންކާއަށް ނުދިއުމުން އެފްއޭއެމުން ވަނީ، ހޯމަ ދުވަހު ރިޒޭ އާއި ސެންޓޭ އަށް އަދަބު ދީފަ އެވެ. އެ ފައިސާ މިއަދު އީގަލްސްއިން ދައްކައި އެ ކުޅުންތެރިންނަށް ކުޅެވޭނެ އިންތިޒާމު ހަމަޖެއްސި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އަށް ލީޑް ނަގައިދިނީ ރިޒޭ އާއި ސެންޓޭ ކާމިޔާބު ކުރި ލަނޑުތަކުންނެވެ. އީގަލްސްގެ ފުރަތަމަ ލަނޑު ރިޒޭ ކާމިޔާބު ކުރީ މެޗުގެ 17 ވަނަ މިނެޓްގައެވެ. ޔުނައިޓަޑް ވިކްޓަރީގެ ކުޅުންތެރިންނަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި އީގަލްސްއިން ނެގި ހުރަސް ސެންޓޭ ގޯލްގެ ތެރެއަށް ފޮނުވާލީއެވެ.

އެހެން ނަމަވެސް މެޗުގައި ލަނޑު ޖަހާނެ އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ޔޫވީގެ ޔޫކުރޭންގެ ފޯވަޑް ކައިރިލޯ ސިލިޗް އަށެވެ. އޭރިއާގެ ތެރެއަށް ހުސްކޮށް އަރައި އޭނާ އާ ގޯލްއާ ދެމެދު ހުރަހަކަށް ހުރީ އީގަލްސްގެ ކީޕަރު ސޫޖަން ޕެރޭރާ އެވެ. ބޯޅަ ފޮނުވާލުމުގައި ސިލިޗް ލަސް ވުމުން އޭނާ ފޮނުވާލި ބޯޅަ ސޫޖަން ދިފާއު ކުރި އެވެ.

އީގަލްސްގެ ދެ ވަނަ ލަނޑު މެޗުގެ 24 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސެންޓޭ އެވެ. އީގަލްސްގެ ކުޅުންތެރިން އުފައްދަން އުޅުނު ހަމަލާ ބޭރުވާން އުޅުމުން ރިޒޭ ވަނީ އެ ބޯޅަ ބޭރުވުމުގެ ކުރިން ހޯދައި ގޯލްގެ އޭރިއާގެ ތެރޭގައި ހުރި ސެންޓޭއަށް ދީފަ އެވެ.

އޭގެ ފަސް މިނެޓް ފަހުން ރިޒޭ ވަނީ އީގަލްސްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ލަނޑާއެކު 3-0 ން އީގަލަސް ކުރީގައި އޮވެ، ފުރަތަމަ ހާފު ނިންމާލި އެވެ.

ދެ ވަނަ ހާފުގައި، އީގަލްސްގެ ފަރާތުން މެޗުގައި ކުރިން ފެނުނު ކުޅުމެއް ނުފެނުނެވެ. އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ ދެ ވަނަ ހާފުގައި އަތުގައި ތިން ލަނޑުގެ ލީޑެއް އޮވެފައި އެކަން ބަދަލުވީ ކުޅުންތެރިންނަށް ހެދުނު ވަރަށް އާދައިގެ ގޯސްތަކަކުން ކަމަށެވެ.

"ހަގީގަތުގައި ފުރަތަމަ ހާފު ކުރިގޮތަށް ފަހު ހާފުގައި އަރައި މަސައްކަތް ނުކުރެވުމުގެ ނަތީޖާ މި ފެނުނީ،" މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. "ދެ ވަނަ ހާފުގައި މެޗުގެ ޓެމްޕޯ ހިއްލާ ނުލެވި ދިޔައީ، އަޅުގަނޑުމެން ކުޅޭ ސްޓައިލްގައި އެ ޓެމްޕޯގައި ނުފެއްޓުނީމަ ލިބޭ ލަނޑު މިއީ."

ދެ ވަނަ ހާފު ޔޫވީން ފެށީ ރަނގަޅު ރޫހެއްގަ އެވެ. ދެ ވަނަ ހާފުގައި އެ ޓީމުން ދެއްކީ މިދިޔަ ހަތަރު މެޗުގައިވެސް އެ ޓީމުން ނުފެނުނު މޮޅު ކުޅުމެވެ.

ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓްގައި ކައިރިލޯ ސިލިޗް ވަނީ ޔޫވީގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ބޯޅަ އޮއްސާލީ ކީޕަރު ސޫޖަންގެ ބޯމަތިންނެވެ. އެ ލަނޑަށް ފަހު އިތުރަށް ޔޫވީގެ ކުޅުންތެރިންގެ ކުޅުން ރަނގަޅު ކުރި އެވެ. ލަނޑު ޖަހާނެ އެހެން ފުރުސަތުތައްވެސް ތަނަވަސް ކުރި އެވެ. ޔޫވީގެ ދެ ވަނަ ލަނަޑު ސިލިޗް ކާމިޔާބު ކުރީ މެޗުގެ 58 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ.

ފަރަގު އެއް ލަނޑަށް ކުޑަ ކޮށް، އަލުން ކުޅުން ފަށައިގެން ޔޫވީ ކޮޅަށް ދިޔަ ފުރަތަމަ ބޯޅައިން ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށް އަނެއްކާވެސް އީގަލްސް ހަމަޖެހުމުގެ ނޭވާއެއްލި އެވެ. އީގަލްސްގެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ނާއިމު އެވެ. ރިޒޭ ތަނަވަސް ކޮށްދިން ބޯޅަ އޭރިއާގެ މެދުތެރޭގައި ހުރެފައި ވަރަށް ފަސޭހަ ކަމާއެކު އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.

ޔޫވީން ގެނައި ބަދަލު ތަކާއެކު އަލުން އެ ޓީމުގެ ކުޅުން ރަނގަޅުވެގެން ދިޔަ އެވެ. އެ ޓީމަށް މެޗު އެއްވަރު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މިރާހް މުހައްމަދު (މިރަޓީ) އެވެ.

ޔޫވީގެ ތިން ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 71 ވަނަ މިނެޓްގައި ސިލިޗް ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ. ސިލިޗް ދިން ބޯޅަ ހިފައިންގެ ހުސްކޮށް އަރައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ އީގަލްސްގެ ކީޕަރު ސޫޖަން އަށްވެސް ފުރުސަތު ނުދީ އެވެ. ޔޫވީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އޭގެ ހަތް މިނެޓް ފަހުން އޭނާ ކާމިޔާބު ކުރީ ޔޫވީން ނެގި ކޯނަރުގައި އޭރިއާ ތެރޭގައި ހުހަށް ހުރެ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ.

މެޗަށް ފަހު ވަހަކަ ދައްކަމުން، ޔުނައިޓަޑް ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހް ބުނީ، ދެ ވަނަ ހާފުގައި އޭނާގެ ޓީމުން ކުރި މަސައްކަތް ފުރަތަމަ ހާފުގައި ފެނިގެން ދިޔަ ނަމަ، މެޗުން ތިން ޕޮއިންޓް ހޯދުނީސް ކަމަށެވެ.

ފަހު 10 މިނެޓްގައި އީގަލްސްއިން ހަމަލާތައް އިތުރު ކުރިނަމަވެސް އެ ޓީމަށް ގޯލް ފޫއަލުވާ ނުލެވުނެވެ. އެ ޓީމުގެ ބިދޭސީ ފޯވަޑް ކޮމިލޯވް އަށް ވަނީ އޭރިއާ ތެރެއަށް ހުސްކޮށް އަރައި ލަނޑު ޖަހާނެ ފުރުސަތެއްވެސް ތަނަވަސް ކޮށްފަ އެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްކޮށް ދަނޑިކައިރިން ބޭރަށެވެ.