ވިޔަފާރި

ދުނިޔޭގެ ރެކޯޑު ހެދުން އަންނަ މަހުގެ އެއްވަނަ ދުވަހު

Sep 19, 2019
1

އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނައިގެން، ރާއްޖޭން ހަދާ ދުނިޔޭގެ ރެކޯޑު ހެދުމުގެ އިވެންޓު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއަ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު އަވަސް އަށް ވިދާޅުވީ އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނުމުގެ ދުނިޔޭގެ ރެކޯޑު ހެދުން އޮންނާނީ އަންނަ މަހުގެ އެއްވަަނަ ދުވަހު ބަރޮސް އައިލެންޑް ރިސޯޓުގެ ފަޅު ތެރޭގައި ކަމަށެވެ.

"މި އިވެންޓު ފްރީޑައިވް ވޯލްޑް ޗެމްޕިއަން، ވިލިއަން ޓްރޫ ބްރިޖް ވެސް ބައިވެރިވާނެ. އުންމީދު ކުރަނީ ވީހާ ވެސް ގިނަ މީހުން މި އިވެންޓުގައި ބައިވެރިވާނެ ކަމަށް،" ފަރުހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އިވެންޓު ކުރި އަށް ދާއިރު "ގިނިސް ވޯލްޑް ރެކޯޑު" ގެ އޮފިޝަލުން ވެސް ބައިވެރިވާނެ ކަމަށާ، ރާއްޖޭން މަސައްކަތް ކުރަނީ އެއް ފަހަރާ 500 މީހުންނާއެކު ދުނިޔޭގެ އާ ރެކޯޑެއް ހެދުމަށް ކަމަށެވެ.

"އެ ބޭފުޅުން [ގިނިސް ވޯލްޑް ރެކޯޑު] ގެ ބޭފުޅުން އެ އިވެންޓުގެ ކަންކަން ބަލާނެ،" ފަރުހާދު ވިދާޅުވި އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ނޭވާ ވޯލްޑް ރެކޯޑު އިވެންޓުގައި ބައިވެރި ވާން ރޭ ވަނީ ހުޅުވާލާފަ އެވެ. މި އިވެންޓުގައި ބައިވެރިވޭނީ ހާއްސަ ޝަތުރު ތަކެއް ހުންނަ މީހުންނަށެވެ. ބައިވެރިވާ މީހެއްގައި ހުންނަން ޖެހޭ ޝަރުތުތައް:

  • 18 އަހަރުވެފައިވުން
  • ސިއްހީ ގޮތުން ފިޓު މީހަކަށް ވުން
  • 3 މީޓަރު (9.10 ފޫޓު ފުނަށް) ފީނުމުގެ ގާބިލްކަން ހުރުން
  • ނޭވާ ނުލައި 13 ސިކުންތަށް ވުރެ ގިނައިރު އަޑީގައި ހުރުމުގެ ގާބިލްކަން ހުރުން
  • 50 މީޓަރު (164.042 ފޫޓަށް) ފެތުމުގެ ކުޅަދާނަކަން ހުރުން

އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނުމުގެ ރެކޯޑު ހަދަން ތައްޔާރުވެފައިވާއިރު، މި ރެކޯޑު މިހާރު އޮތީ 280 މީހުންނާއެކު އިޓަލީގެ ވެރޯނާގަ އެވެ. ވެރޯނާ އިން ރެކޯޑް ހަދާފައިވަނީ އޮކްޓޫބަރު 11، 2009 ގަ އެވެ. ރާއްޖެ އިން މި ރެކޯޑް މުގުރާލުމުގެ އިވެންޓު އޮންނާނީ ބަރޮސް ފަޅުތެރޭގަ އެވެ. މި އިވެންޓުގައި 500 މީހުން ބައިވެރިވާނެ އެވެ.