ހަބަރު

ނަޝީދުގެ ރާގު ބަދަލުވެއްޖެ: "މަޝްރޫއުތައް ލަހެއް ނޫން"

މި ސަރުކާރުން ހިންގާ މަޝްރޫއުތައް ލަހެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގައި ލަސް ކަމެއް އުޅޭހެން ހީވާކަމަށް ވިދާޅުވި ވާހަކަ އިތުރަށް ތަފްސީލުކޮށްދެއްވާ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އާންމުންގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު އެ ރޭ ވިދާޅުވީ ސަރުކާރުން ރަނގަޅު ވިސްނުންތަކެއް ގެންގުޅޭ ކަމަށާއި ކުރިއަށް ހުރީ ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ލަސް ކަމެއް އުޅޭ ކަމަށް ހީފުޅުވާ ކަމަށާއި އުންމީދަކީ ކުރިއަށް އޮތް މަސްތަކުގައި އެކަަމަށް ހައްލެއް އައިސް ސަރުކާރުގެ ދުވެލި ރަނގަޅުވެގެން ދިއުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ވާހަކަ އިތުރަށް ސާފުކޮށްދެއްވާ، ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދެންނެވީ ބައެއް އިދާރާތަކުގެ ހިންގުމުގައި ލަސްކަމެއް އުޅޭ ވާހަކަ ކަމަށާއި އެކަން އަދިވެސް ތަކުރާރު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް މަޝްރޫއުތައް ލަސް ކަމަކަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓު

ރައީސް ނަޝީދު އެ ޓްވީޓު ކުރެއްވުމުގެ އިރުކޮޅެއް ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަމަށް އިޝާރަތް ކުރައްވާ ވާހަކަފުޅު ދައްކަވައިފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކަށް ސަރުކާރުން ރެކޯޑު އަދަދަކަށް އެހީވެފައިވާ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރައީސް ސޯލިހާއެކު އެއްވެސް ނުތަނަަވަސްކަމެއް ނެތް ކަމަށް ވިދާޅުވި އެވެ. އަދި އެއީ ބަޔަކު ގަސްދުގައި އޮޅުވާލައިގެން ދައްކާ ވާހަކައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.