ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ގޮސް އެސްޓީއޯ ސުޕަމާޓުން ބާޒާރުކުރުމުން ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
އެސްޓީއޯއިން ބުނީ ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމަށް އެންމެ މުހިއްމު ކަމަކީ އާދަކާދައަށް ބަދަލު ގެނައުން ކަމަށްވާއިރު ގެއިން ކޮތަޅު ހިފައިގެން ބާޒާރުކުރަން އަންނަ ފަރާތްތަކަށް ޑިސްކައުންޓެއް ދިނުމަކީ އެފަދަ އާދަތައް އަށަގެންނެވުމަށް ދެވޭނެ ހިތްވަރެއްކަމަށް ދެކޭ ކަމަށެވެ. އެގޮތުން، ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ގޮސް ސުޕަމާޓުން ވިޔަފާރިކުރާ ފަރާތްތަކަށް ދެ ޕަސެންޓުގެ ޑިސްކައުންޓެއް ދޭން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
އެސްޓީއޯ އިން ބުނީ މި ކަމަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލެވޭ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށްޓަކައި ގައުމީ ފެންވަރުގެ ކެމްޕޭނެއް ސަރުކާރުން ފަށާފައިވާއިރު، އެސްޓީއޯއިން މީގެ ކުރިން ވަނީ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލައިލެވޭ ޕްލާސްޓިކް ވިއްކުން ހުއްޓާލުމަށްޓަކައި ފިހާރައިގައި ހުރި ޑިސްޕޮސިބަލް ތައްޓާއި، ސަމުސަލާއި އެހެނިހެން އުފެއްދުންތަކުގެ ސްޓޮކް ހުސްކުރުމަށްޓަކައި ހެޔޮ އަގުގައި ވިއްކާފަ އެވެ.