ކުޅިވަރު

އެފްއޭއެމްގެ މަގާމު ގަބޫލު ކުރުމުން ދެ މިނިސްޓަރުން ހޫނުފެނަށް

މިއަހަރު މާޗް މަހު، އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން އިސްވެ ހުށަހެޅި ގަރާރުގައި އެެއް ނުކުތާއެއްގެ ގޮތުގައި އޮތީ، އެފްއޭއެމްއަށް ސިޔާސީ ނުފޫޒު ވައްދާފައި ވުމެވެ. އެއީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން ޖެހޭ ކަމަށް ވިކްޓަރީން ހިމަނާފައިވާ އެއް ސަބަބެވެ.

އެ މަސައްކް ވިކްޓަރީން ފެށި ދުވަސް ވަރު، ކްރަޕްޝަންގެ ތުހުމަތުގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ސަސްޕެންޑް ކުރި އެވެ. ވަގުތީ ގޮތުން މިނިސްޓްރީއާ ހަވާލުވީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. ވިކްޓަރީ ހުށަހެޅި ހުށަހެޅުން އެފްއޭއެމުން ކުރިއަށް ނުގެންދިއުމުން އަލީ ވަހީދުގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒު ކުރި އެވެ.

ކުރީގެ ރައީސް ޔާމީންގެ ދައުރުގައި އެފްއޭއެމް އަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބުނެ އަލީ ވަހީދު ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ކުރި އެވެ. އޭރު ފީފާ އާއި އޭއެފްސީން ރާއްޖޭގެ ހާލަތު ބެލުމަށް ވަޑައިގެންނެވި ވަފުދަށް އެ މައްސަލަވެސް ހުށަހަޅުއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ދުނިޔޭގެ އެއްވެސް ތަނެއްގައި ފުޓްބޯޅަ އިދާރާގެ ތެރޭގައި ސިޔާސީ އޮފީހެއް ނުހަދާނެ، އެއީ ސެކަންޑް ޕާޓީ، ތާޑް ޕާޓީ، ފޯތު ޕާޓީ ވިޔަސް އެހެން ނުހެދޭނެ, އަޅުގަނޑުމެން ސާފު ކުރާނަން ފީފާގެ ސްޓަޗިއުޓްސްގެ ކޮން މާއްދާއަކުން ތޯ އެފްއޭއެމްގެ އެތޭރެގައި ސިޔާސީ އޮފީހެއް އެފްއޭއެމުން ހެދީ.
އަލީ ވަހީދު | ޓުއަރިޒަމް މިނިސްޓަރު (މާޗް 2019)

ސަސްޕެންޝަންގައި ހުންނެވި ދުވަސްވަރު، އަވަސްގެ "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ އެފްއޭއެމްއަށް ސިޔާސީ ނުފޫޒު ވެއްދި ކަމަށާއި އަދި ކުރީގެ ރައީސް ޔާމީންގެ ކެމްޕޭން އޮފީސް އެފްއޭއެމްގައި ހުޅުވި ކަމަށެވެ. އަދި އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަންޖެހޭ ކަމަށް ފާޅުގައި ވިދާޅުވި އެވެ.

މިދިޔަ ފަސް އަހަރުތެރޭ އެފްއޭއެމްގައި ރައީސް ޔާމީންގެ ކެމްޕޭން އޮފީސް ހަދައިގެން އެތަނުގައި ކެމްޕޭން ކުރަން ތިބި ބަޔަކަށް ފުޓްބޯޅައަށް ރަނގަޅު މަސައްކަތެއް ނުކުރެވޭނެ.
އަހްމަދު މަހްލޫފް| ސްޕޯޓްސް މިނިސްޓަރު، (މާޗް 2019)

އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން ޖެހޭ ކަމަށް ފާޅުގައި ކުރިން ވިދާޅުވި ދެ ވަޒީރުން، އެފްއޭއެމްގެ ނެޝަނަލް ޓީމު ކޮމިޓީގެ މެންބަރު ކަން ގަބޫލު ކުރެއްވުމުން ގިނަ ބައެއްގެ ފާޑު ކިޔުން ދަނީ އަމާޒު ވަމުންނެވެ.

ކުޅިވަރުގެ ވަޒީރަކީ ހުރިހާ ކުޅިވަރު އެސޯސިއޭޝަނެއްގެ ބަލަދުވެރި ފަރާތެވެ. އަދި އެ ހުރިހާ އެސޯސިއޭޝަނަކާ މެދު ފާރަވެރި ކަމާއެކު ބަލަންޖެހޭ އެންމެ އިސްވެރިއެއްގެ ގޮތުގައިވެސް ހުންނަވަން ޖެހޭނީ ވަޒީރެވެ. އެހެންނަމަވެސް ވަކި އެސޯސިއޭޝަނެއްގެ ގައުމީ ޓީމުގެ ކަންކަން ހަމަޖައްސަވަން އެކުލަވާލަފައިވާ ކޮމިޓީގެ މެންބަރުކަން މިނިސްޓަރު ގަބޫލު ކުރެއްވުމަކީ މަގާމުގައި އަދާ ކުރަންވަން ޖެހޭ މަސްއޫލިއްޔަތުގެ ގޮތުން މަސްލަހަތު ފުށުއަރާނެ ކަމެކެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މިވަގުތުގެ ހާލަތަށް ބަލާއިރު އެންމެ އުނދަގޫ ހާލަތުގައި އޮތީ ރާއްޖޭގެ ކުލަބުތެކެވެ. އެންމެ ފަހުން ކުޅެން އޮތް މެޗަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޓީމު ހަމަ ނުވުމުން އެ ޓީމު މެޗަށް ހާޒިރެއް ނުވެ އެވެ. ޓީމުގެ މާލީ ހާލަތު ދައްވެ ކުޅުންތެރިންނަށް މުސާރަ ނުދެވުމުން ޓީމު މެނޭޖު ނުކުރެވޭ ކަމަށް ބުނެ ޓީސީގެ ކޯޗް މުހައްމަދު އާތިފް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އޭގެ ކުރިން ވިކްޓަރީގެ ކޯޗްގެ މަގާމުގައި ހުރި މުހައްމަދު އާދަމް ވެސް ވަނީ އިސްތިއުފާ ދީފަ އެވެ.

ރާއްޖޭގައި ހަރުދަނާ ކުލަބު ސިސްޓަމެއް ނެތެވެ. މިހާރުން މިހާރަށްވެސް ސުމަކުން ފަށަން ޖެހިފައި އޮތީ ކުލަބު ސިސްޓެމެއް ބިނާ ކުރުމެވެ. ހަރުދަނާ ކުލަބުތަކެއް ނެތި ވަރުގަދަ ލީގެއް ނުހެދޭނެ އެވެ. މިމަހު ރާއްޖެއާ ދެކޮޅަށް ނުކުތް ޗައިނާގެ ކޯޗް އިޓަލީގެ މާސެލޯ ލިއްޕީ ބުނީ، ވަރުގަދަ ލީގެއް ނެތި ގައުމީ ޓީމުގެ ފެންވަރު ރަނގަޅު ނުކުރެވޭނެ ކަމަށެވެ.

ގައުމީ ޓީމުގެ ފެންވަރު ރަނގަޅުކުރަން އެންމެ ފުރަތަމަ އަޅަން ޖެހޭ ފިޔަވަޅަކީ ހަރުދަނާ ކުލަބު ސިސްޓެމެއް ބިނާ ކުރުމެވެ. މިދިޔަ ދެ އަހަރު ސަރުކާރުގެ ކުންފުނިތަކުން ދެމުން އައި ފައިސާ މި ސަރުކާރުންވެސް ދޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

އަޅުގަނޑުމެން ބޭނުންވޭ މިރާއްޖޭގެ ކުލަބުތަކަކީ ރަނގަޅު މޮޑެލްއެއްގެ ދަށުން ހިންގާ އަރަނި ކުލަބުތަކެއް ކަމުގައި ކުލަބުތައް ހަދަން، މިހާރު މިދޭ ވަރަށް ވުރެ މާ ރަނގަޅަށް އަޅުގަނޑުމެން [ސަރުކާރުން] ކުލަބުތަކަށް އެހީ ފޯރުކޮށްދޭނަން.
އަލީ ވަހީދު | (މާޗް 2019)

"އަޅުގަނޑުމެން ބޭނުންވޭ މިރާއްޖޭގެ ކުލަބުތަކަކީ ރަނގަޅު މޮޑެލްއެއްގެ ދަށުން ހިންގާ އަރަނި ކުލަބުތަކެއް ކަމުގައި ކުލަބުތައް ހަދަން، މިހާރު މިދޭ ވަރަށް ވުރެ މާ ރަނގަޅަށް އަޅުގަނޑުމެން ކުލަބުތަކަށް އެހީ ފޯރުކޮށްދޭނަން." އެކްޓިން ސްޕޯޓްސް މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި އަލީ ވިދާޅުވި އެވެ. އެކްޓިން މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި އަލީ ވަހީދު އެހެން ވިދާޅުވީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް ކުލަބުތަކުގެ އެހީތެރިކަން ސަރުކާރަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގަ އެވެ.

ކުލަބުތައް ހަރުދަނާ ކުރުމަށް ސަރުކާރުގެ އެހީ ބޭނުންވެ އެވެ. ފުޓްބޯޅައިގައި އަސްލު އޮތް މައްސަލަ ބާއްވާފައި ގައުމީ ޓީމާ ގުޅޭ ކޮމިޓީ ގެ މެންބަރުކަން ދެ ވަޒީރުން ގަބޫލު ކުރެއްވުމުން ފުޓްބޯޅަ ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ތަރުތީބު ވަނީ އޮޅިފަ އެވެ. ކުލަބުތަކުގެ ހާލަތާއި ލީގް ވަރުގަދަ ކުރުމުގެ މަސައްކަތް ފެށުމަށް ރޮނގުދަމާލާނެ ހިސާބެއް ބުނަން ނޭންގެ އެވެ. އަދި ކުރީ ސަރުކާރުގައި އެފްއޭއެމްއަށް ސިޔާސީ ނުފޫޒު ވައްދާފައިވާ ކަމަށް ވިދާޅުވެ ދެ ވަޒީރުން އެފްއޭއެމްގެ ކޮމިޓީގެ މަގާމު ގަބޫލު ކުރުމަކީ ސީދާ ގޮތުން އެ މައްސައްކަތަށް ސިޔާސީ ނުފޫޒު ވައްދަން ކުރާ ކަމެއްގެ ގޮތުގައި ނޫނީ މާނަ ނުކުރެވޭނެ އެވެ.