ކުޅިވަރު

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ބަދަލުކުރަން ހައެއްކަ އަހަރު ނަގާނެ: މަހުލޫފް

އަވައްޓެރި ގައުމުތަކުން މިހާރު ރާއްޖޭގެ ޖޫނިއާ ޓީމުތައް ކޮޅަށް ހަތަރެއް ނޫނީ ފަސް ގޯލު ޖަހާ ކަމަށާއި މިހާރު ގާއިމްކުރަމުންދާ ވަސީލަތްތަކާ އެކު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ބަދަލުކުރަން ހައެއްކަ އަހަރު ނަގާނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެކި އުމުރު ފުރައިގެ ޓީމުތައް މިއަހަރު އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. މިދިޔަ މަހު އޭޝިއަން ކަޕް 20 އަހަރުން ދަށުގެ ކޮލިފައިންގައި ޒުވާން ޓީމު ވާދަކޮށް ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފަ އެވެ. ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރި ސީނިއާ އަންހެން ގައުމީ ޓީމާއި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ޓީމަށް ވެސް ޕޮއިންޓެއް ނުހޯދުނެވެ. މިހާރު 17 އަހަރުން ދަށުގެ ޓީމު ވާދަކުރަމުން އަންނަނީ އޭއެފްސީ ކޮލިފައިންގަ އެވެ.

"މި ސަރަހައްދުގަ އިންޑިއާ ބަންގްލަދޭޝް ސްރީ ލަންކާ ތަންތަނުން އިންތިހާއަށް ފުޓްބޯޅަ ކުރިއަރުވަން ހިފާލާފަ ތިބީ. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ދަނީ ފެންނަމުން. އެއިން ކޮންމެ ގައުމަކުން އަޅުގަނޑުމެންގެ ޖޫނިއާ ޓީމުތައް ކޮޅަށް މިއަދު ހަތަރު ގޯލު ފަސް ގޯލު ޖަހަމުން އެބަދޭ. އެހެންވީމަ ބައިވަރު މަސައްކަތްތަކެއް ކުރަން އެބަހުރި" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ފުޓްބޯޅަ ދިރުވުމަށް ރައްޔިތުން ބޭނުންވާތީ ބައިވަރު ވަސީލަތްތައް ގާއިމްކުރަމުން ދާއިރު ރަނގަޅު ނަތީޖާ ނުނެރެވި އެއިން ބައިވަރު މައްސަލަތައް ނުކުންނަތަން ފެނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"... އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އެނބުރި ރާއްޖެއަށް އާދެވޭނީވެސް ފަސް އަހަރު ހަ އަހަރު ފަހުން. މިހާރު މި ގާއިމްކުރެވޭ ވަސީލަތްތަކުން އަލުން ރަނގަޅު ކުދިންތަކެއް އުފެދި ރަނގަޅު ޕްރޮގްރާމްތަކެއް އެތަނަށް ގެނެވިގެން" ފުޓްބޯޅައިގެ ކަންބޮޑުވުމާ ގުޅޭގޮތުން މަހުލޫފް ވިދާޅުވި އެވެ.

މުބާރާތްތަކުގައި ރާއްޖެ ނެރެމުން އަންނަ ދަށް ނަތީޖާތަކާ ގުޅިގެން އެފްއޭއެމް އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

"މި ފަހުން ވެސް ސައުދީ އަރަބިއާ ރާއްޖެ ކޮޅަށް ޖެހި 11 ގޯލު. އަޅުގަނޑެއް ނުފޮނުވަން އެޓީމެއް. އަޅުގަނޑު އެޓީމުގެ ޓިކެޓެއްވެސް ހަމައެއް ނުޖައްސަން. އަޅުގަނޑުމެން ވަރަށް ސާފުކޮށް ނިންމާފަ އޮންނާނީ ރާއްޖޭން ބޭރަށް އެއްވެސް ކުޅިވަރަކުން ޓީމެއްވެސް ދާންޖެހޭނީ ރަނގަޅަށް ތައްޔާރު ވެސް ވެގެން. އެހެންނޫނިއްޔާ އެހަރަދު ކުރުމުގެ ބަދަލުގައި މާ ރަނގަޅު އަޅުގަނޑުމެންނަށް ގޮސް ކޮންމެވެސް އެހެން ރަށަކަށް އެ ފައިސާ ހަރަދުކުރެވުނަސް. އެރަށުގަ ރަނގަޅު ޕްރޮގްރާމްތަކެއް ހިންގަން" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުޓްބޯޅަ ޓީމެއްގެ ޓިކެޓަށް ހައެއް ނޫނީ ހަތް ލައްކަ ހަރަދުވާއިރު ނަތީޖާ ނުނެރެވޭތީ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށެވެ. އަދި ފުޓްބޯޅައިގެ ހާލަތު މިހާރު އޮތް ގޮތުން އެފްއޭއެމްއާ އަންނަ ހަފްތާގެ ތެރޭގައި ރަސްމީކޮށް ވާހަކަދައްކާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.