ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން އިންތިހާއަށް ކަންބޮޑުވުން އެބައޮތް ކަމަށާއި މިއަދު އެބޭފުޅާ ހުންނެވީ ދެން ވާނެގޮތް ބަލަން ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކީ ކުޅުންތެރިންނަށް މުސާރަ ނުދީގެން ސޯޝަލް މީޑިއާގައި އެވާހަކަ ދައްކާ ކަމާއި، ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރާއިރު އެކަންކަން ހައްލުކުރަން މިނިސްޓަރު ކުރައްވަނީ ކޮންކަމެއްތޯ އެވެ.
"ފުޓްބޯޅައިގެ މައްސަލައިގައި އަޅުގަނޑުގެ ކަންބޮޑުވުން އެބައޮތް. ތެދަށް ބުންނަންޏާ އަޅުގަނޑު މިއަދު މިހުރީ ބަލަން ދެން ވާގޮތް" މަހުލޫފް ވިދާޅުވި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެފްއޭއެމްއާ ތަޅައިގަނެގެން އޭގެން ނުކުންނަ ނަތީޖާއަކީ ކްލަބްތަކުން ވޯޓު ނުދިނުން ކަމަށާއި އެފްއޭއޭމްގެ ރައީސް މަގާމުގައި ދެމިހުންނަނީ ކްލަބްތަކުގެ ވޯޓުން ކަމަށެވެ.
"މިއަދުވެސް އަޅުގަނޑު ނުކުމެ އެފްއޭއެމްއާ ތަޅައިގަނެގެން އޭގެން ނުކުންނަ ނަތީޖާއަކީ ކްލަބްތަކުން ވޯޓް ނުދެންޏާ ވާނެ އެއްވެސް ކަމެއް ނެތް. އެއީ މިއަދު އެމަސައްކަތް އަޅުގަނޑު ފެށިޔަސް ވާނެގޮތް. އެހެންވީމަ ކްލަބްތަކުން ދޭ ވޯޓަކުން އަންނަނީ އެފްއޭއެމްގެ ރައީސް. ކްލަބްތަކުން ބޭނުންވެއްޖިއްޔާ މިއަދު ވެސް އެކަން ވެސް ކުރެވެން އެބައޮތް" އެފްއޭއެމްގެ ލީޑަޝިޕާ ގުޅުވައި ދެއްކެވި ވާހަކައިގައި މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ ހުރިހާ ޝަކުވާތަކާއި ހަންގާ ސްޓްރައިކަށް ކުޅުންތެރިން ދިއުންފަދަ ކަންބޮޑުވުންތައް ހުރިނަމަވެސް ކްލަބްތަކަށް އެކަންކަން ނުފެންނަ ކަމަށެވެ.
އެފްއޭއެމްއާ ޔޫތު މިނިސްޓްރީއާ ދެމެދު މީގެ ކުރިން ހިތްހަމަނުޖެހުންތަކެއް ހުރިނަމަވެސް ފަހުން އެކަމުގައި އެއްގަލަކަށް އަރައި ފެނުނީ އެއްކޮށް މަސައްކަތް ކުރިތަނެވެ. މަހުލޫފް މިއަދުގެ ޖަލްސާގައި ވެސް ތަކުރާރުކުރެއްވީ އެއްކޮށް މަސައްކަތްކޮށްގެން ނަތީޖާ ނެރެވޭނެ ކަމެވެ. އެކަމަކު އެފްއޭއެމުން ސަރުކާރުގެ "ބަސް" އެހުމަށް މަހުލޫފް އެދިވަޑައިގަތެވެ.
"ސަރުކާރުން އެފްއޭއެމަށް ދޭންޖެހޭ އެހީތެރިކަން އެއްބާރުލުން ދޭނީ އަޅުގަނޑުމެންގެވެސް ބަސް އަހާ އަޅުގަނޑުމެން ބޭނުންވާ ގޮތަށް ހަމަ އެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭ ކަމަށް ވާނަމަ" މަހުލޫފް ވިދާޅުވި އެވެ.
ފުޓްބޯޅައިގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އެފްއޭއެމްއާ އަންނަ ހަފްތާ ބައްދަލުކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"އިރާދަކުރެއްވިޔާ އަޅުގަނޑު މިއަންނަ ހަފްތާ ހިސާބުގަ ހަމަ ވަކިން އެފްއޭއެމްއާ މި މައްސަލައިގަ ވަރަށް ސީރިއަސްކޮށް ވާހަކަދައްކާނަން. އިންތިހާއަށް އަޅުގަނޑުމެން ކަންބޮޑުވާ ކަންކަން އެބަހުރި ރާއްޖޭގެ އެކި ކަންކޮޅުތަކުގަ" މިނިސްޓަރު ވިދާޅުވި އެވެ.