އެފްއޭއެމްގެ މައްސަލައިގައި، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފަށް އެންގީ ހުތުރު ކަމެއް ކުރަން ނޫން ކަމަށާއި އެންގެވީ މިނިސްޓަރުގެ ހައިސިއްޔަތުން ގާނޫނީ ޒިންމާ އަދާ ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިޅިހަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ އާޒިމު އުޅުއްވީ އޭނާ ލައްވާ ހަޑިކަމެއް ކުރުވަން ކަމަށެވެ. އެފްއޭއެމްގެ މައްސަލައާ ގުޅޭގޮތުން އެ އެސޯސިއޭޝަންގެ ރައީސް ކަންވެސް ކުރިން ކުރެއްވި އާޒިމު މަޖިލީހަށް ހުށަހެޅި ގަރާރު ދިރާސާ ކުރަމުންދާ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންވެސް މަހްލޫފް ވަނީ އެ މޭރުމުން ވާހަކަ ދައްކާފަ އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު، މަހްލޫފަށް އެޑްރެސް ކުރައްވާ، ފޮނުއްވެވި ސިޓީ ސޯޝަލް މީޑިއާގައި މިއަދު ހިއްސާ ކުރެއްވުމަށް ފަހު މަހްލޫފް މަޖިލީހުގައި ދެއްކެވި ވާހަކައަށް އަޝާރާތް ކުރައްވައި އާޒިމު ވިދާޅުވެފައި ވަނީ، އޭނާ ހިންގަން ބުނި ހުތުރު ކަމެއް ނަމަ އެކަމަކީ ސިޓީގައި ބުނެފައިވާގޮތަށް ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އަމަލު ކުރަން ވަޒީރު ޖެހިވަޑައިގަންނަވާނެކަން އެންގެވުން ކަމަށެވެ.
"އަޅުގަނޑު ހިންގަން ބުނިއްޔާ ބުނި ހުތުރު ކަމަކީ, ނުފޫޒެއް ފޯރުވިއްޔާ ފޯރުވި ނުފޫޒަކީ މި ފެންނަ ސިޓީ،" މަހްލޫފަށް، އާޒިމު ފޮނުވި ތިން ސޮފްހާގެ ސިޓީ ހިއްސާ ކުރައްވަވާ ސޯޝަލް މީޑިއާގައި އާޒިމު ލިޔުއްވާފައި ވެއެވެ. "މިސިޓީގައި އެދިފައިވާނީ ދައުލަތް ހިންގަން ވަނީ ލިޔެފައިވާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އަދި ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށޭ."
"ކުޅިވަރު ވަޒީރު ބުނަނީ ގާނޫނަކަށް ބަލާނެ ކަމެއްނެތޭ"
މަޖިލީހުގެ ތަޅުމަށް އާޒިމު ހުށަހެޅުއްވި ގަރާރުގައި ހިމެނޭ ފަސް ނުކުތާ ހިމަނުއްވާފައިވާ ސިޓީގައި އެފްއޭއެމްގެ މައްޗަށް ތުހުމަތުތައް ކުރައްވަވާ އާޒިމު ވިދާޅުވެފައި ވަނީ ރާއްޖޭގެ ކުޅިވަރު ގާނޫނާއި ފީފާގެ ހިންގާ ގަވާއިދާ ހިލާފުވެ އަދި ސަރުކާރަށް ގެންޖެހައި އިންތިހާބު ބާއްވަން އޭރު އެފްއޭއެމުން މަސައްކަތް ކުރަމުން ދިޔައިރުވެސް އަޅަންޖެހޭ ފިޔަވަޅު ނާޅާ މަހްލޫފް ހުންނެވުމުން ގާނޫނާ ހިލާފުވެފައިވާކަން ސާބިތު ވާ ކަމަށެވެ.
އެފްއޭއެމްގެ އިންތިހާބު މިމަހު ދެ ވަނަ ދުވަހު ބޭއްވިއިރު އެދުވަހު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އިޖުތިމާއީ ކޮމިޓީގައިވާ އެފްއޭއެމްގެ މައްސަލަ ބަލައި ނިމެންދެން އެފްއޭގެ އިންތިހާބު މަޑުޖައްސާލުމަށް އެދި ދެންނެވުމަށް ސްޕޯޓްސް މިނިސްޓްރީއަށް ސިޓީ ފޮނުއްވާފަ އެވެ. މަޖިލީހުން އެގޮތަށް އެންގުމުން މަހްލޫފް ވަނީ އެފްއޭއެމްގެ އިންތިހާބު މަޑުޖައްސާލުމަށް އެދިފަ އެވެ.
އެދުވަހުގެ އިންތިހާބުގައި ޖެހިޖެހިގެން ދެ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވުމަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އިންތިހާބު ފަސް ކުރުމަށް މިނިސްޓްރީގެ ފަރާތުން އެދުނު ނަމަވެސް، ފީފާ އާއި އޭއެފްސީގެ ފަރާތުން އިންތިހާބު ކުރިއަށް ގެންދިއުމަށް އަންގާފައި ވުމުން އިންތިހާބު ފަސް ކުރެވެން ނެތް ކަމަށް މިނިސްޓަރު މަހްލޫފަށް ދެންނެވި ކަމަށެވެ.
"މިނިސްޓަރު ވިދާޅުވި މަޖިލީހުން މިގޮތަށް އައިސްފައި އޮތީމަ ތިމަންނަގެ ވަރަށް ބޮޑު ރިކުއެސްޓެކޭ މަޑުޖައްސާލަން އޮވެއްޖެއްޔާ މަޑު ޖައްސާލުން،" މި މަހުގެ ދެ ވަނަ ދުވަހު ބޭއްވި އިންތިހާބަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުމެއް ނޫން މިހާރުގެ ރައީސްގެ ދައުރުގައި ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑް ވާކަށް، އަޅުގަނޑު މިނިސްޓަރަށް ދެންނެވިން ފީފާ އާއި އޭއެފްސީ އެންގުމާ އެއްގޮތަށް އިންތިހާބު ކުރިއަށް ދާނެ ވާހަކަ."
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މި މަހުގެ ހަތް ވަނަ ދުވަހު ވާހަކަ ދައްކަމުން މަހްލޫފް ވިދާޅުވެފައި ވަނީ، އެފްއޭއެމްގެ އިންތިހާބު ފަސް ކުރަން އެންގުމަކީ ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިފައިވާ ބާރެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެގޮތަށް އެންގީ މަޖިލީހުން އެގޮތަށް އެދުމުން ކަމަށެވެ.
"އަޅުގަނޑަށް ގާނޫނުން ނުވެސް ލިބޭ ބާރެއް އިލެކްޝަނެއް ލަސް ކޮށްދޭން އެދުމަކީ، ކުޅިވަރާ ބެހޭ ގާނޫނު އަޅުގަނޑަށް ލިބޭ ބާރެއް ނޫން އެއީކީ،" މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން މަހްލޫފް ވިދާޅުވެފައި ވެއެވެ. "އެކަންވެސް އަޅުގަނޑު ކުރިން."