ހަބަރު

އ.ދ.ގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ރައީސް ފުރާވަޑައިގެންފި

Sep 21, 2019
1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އ.ދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް، އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު ފުރާވަޑައިގެންފިއެވެ.

މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އ.ދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މިއަދަކީ، ރާއްޖެއިން އ.ދ.ގެ މެމްބަރަކަށްވީތާ 54 އަހަރު ފުރޭ ދުވަހެވެ. ރާއްޖެއިން އ.ދ.ގެ މެމްބަރަކަށް ވެފައި ވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ.

ރައީސްގެ ތަގުރީރު ވެގެންދާނީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް ކުރިމަތިވި ހުރަސްތަކަށް ނިމުމެއް ގެނުވައި، ރާއްޖެއާއި އެހެން ގައުމުތަކާއި، ބައިނަލްއަގުވަމީ ޖަމުއިއްޔާ އަދި ޖަމާއަތްތަކާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު އާރޯކަމެއް ގެނެސްދޭނެ ތަގުރީރަކަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އ.ދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގަންނަވާ އެކި ގައުމުތަކުގެ ވެރިންނާއި، އ.ދ.ގެ އެކި ޖަމާއަތްތަކުގެ އިސް ބޭފުޅުންނާވެސް ރައީސް ބައްދަލުކުރައްވާނެއެވެ. އ.ދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.