ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އދގެ ޖަމާއަތްތައް މެދުވެރިކޮށް ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

އދގެ އެކިއެކި އެހީދޭ ޖަމުއިއްޔާ ޖަމާއަތްތައް މެދުވެރިވެގެން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް ސޯލިހް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވާފައިވަނީ ގަތަރުގެ ދޯހާގައި ހުންނަ ނެޝަނަލް ކޮންވެންޝަން ސެންޓަރުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުންތަކާއި ރާއްޖޭގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އދ. އަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވި އެވެ. އެގޮތުން އެޖެންޑާ 30ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ދަޢުލަތުގެ ކަމާބެހޭ މުހިންމު އިދާރާތަކުގެ ގާބިލުކަން އިތުރުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ. އިން ވަރަށް މުހިންމު ދައުރެއް އަދާކޮށްދެމުން އަންނަކަން ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހް އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަށް ކަންކަން ކުރުމަށްޓަކައި އދ.ގެ ކަމާބެހޭ ޖަމްއިއްޔާ ޖަމާއަތްތަކާއި ޕަބްލިކް ސެކްޓާ ގްރޫޕްތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފަ އެވެ.

އޭގެ ތެރޭގައި އުމްރާނީ ވަސީލަތްތައް ގާއިމުވެފައި ހުރި ގޮތުން ހުރި ފަރަގުތައް ކުޑަކޮށް ފަތުރުވެރިކަން ކުރިއެރުވުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކުރެވެންހުރި އިންވެސްޓްމަންޓްތައް ބެލުން ހިމެނެއެވެ. އަދި އެންމެ ދާއިރާއަކަށް އިގުތިސާދު ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށްޓަކައި ދެމެހެއްޓެނިވި ވިޔަފާރީގެ ދާއިރާއާއި މަސްވެރިކަން ފުޅާކޮށް އިތުރުގޮތްތައް ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.

ރައީސް ސޯލިހް ވަނީ މިއަހަރުގެ އެސް.ޑީ.ޖީ. ސަމިޓާއެކު "ކްލައިމެޓް އެމްބިޝަން ސަމިޓެއް" ބޭއްވުމަށް ސެކްރެޓަރީ ޖެނެރަލް ނިންމެވި ނިންމެވުމަށް ތަޢުރީފު ކުރައްވާ ކޮޕް27ގައި އެއްބަސްވި ގޮތަށް "ލޮސް އެންޑް ޑެމޭޖް" ފަންޑު ގާއިމުކުރެވޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.