ބެނާޑޯ ސިލްވާ ކާމިޔާބު ކުރި ހެޓްރިކާއެކު، ވަޓްފޯޑްގެ މައްޗަށް 8-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މެންޗެސްޓާ ސިޓީ މޮޅު ވެއްޖެ އެވެ.
މި ސީޒަންގައި އަދި މިހާތަނަށް މޮޅެއް ނުލިބި އޮތް ވަޓްފޯޑާ ދެކޮޅަށް ސިޓީން ވަނީ މެޗު ފެށިގެން 52 ވަނަ ސިކުންތުގައި ލިޑް ނަގާފަ އެވެ. ޑޭވިޑް ސިލްވާ ހުޅުވާލި ވަޓްފޯޑްގެ ގޯލާއެކު މެޗުގެ ފުރަތަމަ 20 މިނެޓް ތެރޭ ސިޓީން ފަސް ލަނޑު ޖެހި އެވެ.
ސިޓީގެ ދެ ވަނަ ލަނޑު ސާޖިއޯ އަގުއޭރޯ ޖެހުމާއެކު އޭނާ ވަނީ ސިޓީ ލީގްގައި ކުޅުނު ހަ މެޗުގައިވެސް ލަނޑު ޖާހަފަ އެވެ. އޭނާ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. އޭނާގެ އިތުރުން މެޗުގައި ދެން ސިޓީއަށް ލަނޑު ޖަހައިދިނީ ރިޔާދު މަހްރޭޒް، ކެވިން ޑިބުރޭނޭ އަދި ނިކޮލަސް އޮޓަމެންޑީ އެވެ.
މެޗުގެ ތަރިއަކަށްވި، ބެނާޑޯގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ 15 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި ދެ ވަނަ ލަނޑު ޖެހި އެވެ. އޭނާ ހެޓްރިކު ފުރިހަމަ ކުރީ މެޗުގެ 60 ވަނަ މިނެޓްގަ އެވެ. މިއީ އިނގިރޭސި ލީގްގައި ވަޓްފޯޑް މިހާތަނަށް ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. ފުލުގައި އޮތް ވަޓްފޯޑް އަތުން ތަފާތު ބޮޑު ކޮށް މޮޅުވެވުނަސް ސިޓީއަށް އަދި އޮތް ޗެލެންޖުތައް ބޮޑެވެ. މިދިޔަ ދެ އަހަރުގެ ޗެމްޕިއަން އޮތީ ތާވަލުގެ ދެ ވަނައިގަ އެވެ.
މިއަދު ކުޅުނު މެޗުން ތިން ޕޮއިންޓް ހޯދައި ލިވަޕޫލާ ދެ ޕޮއިންޓަށް ގާތް ކުރެވުނު ނަމަވެސް މާދަމާ ރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ލިވަޕޫލަށް އަނެއްކާވެސް ސިޓީ އާއި ފަސް ޕޮއިންޓަށް ފެއަށް ޖެހިލެވޭނެ އެވެ.
މިއަދު އެންމެ ދެރަ ގޮތެއް ދިމާވީ ޓޮޓެންހަމް އަށެވެ. ހެރީ ކޭން، ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ލަނޑާއެކު ސްޕާސް ކުރީގައި ވަނިކޮށް ލެސްޓާއިން ވަނީ ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުތަކުން 2-1 ން މޮޅުވެފަ އެވެ.