ކުޅިވަރު

މެސީ އެނބުރި އައިނަމަވެސް ބާސާ ބަލި ވެއްޖެ

އަނިޔާގައި މުއްދަތެއް ހޭދަ ކުރުމަށް ފަހު، ކެޕްޓަން ލިއޮނަލް މެސީ ލީގްގެ މެޗުތަކަށް އެނބުރި އައި ނަމަވެސް ގުރަނާޑާ އަތުން އެފްސީ ބާސެލޯނާ 2-0 ން ބަލި ވެއްޖެ އެވެ.

ޗެމްޕިއަންސް ލީގްގައި ޑޯޓަމުންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބަދަލު ކުޅުންތެރިޔެއްގެ ފުރުސަތު ދިން މެސީއަށް ރޭ ގުރަނަޑާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ފުރުސަތު ދިނީ ބެންޗުންނެވެ. މެސީ ކުޅެން ނުކުތީ ދެ ވަނަ ހާފު ފެށުނު ތަނުން، ޒުވާން ފޯވަޑް ކޭލެސް ޕެރޭޒްގެ ބަދަލުގަ އެވެ.

މެސީ ދަނޑަށް ނުކުތް އިރުވެސް ގުރަނާޑާއިން އޮތީ ލީޑްގަ އެވެ. ފުރަތަމަ ހާފު ފެށި ގޮތަށް އުފެއްދި ފުރަތަމަ ހަމަލާއިން ގުރަނާޑާއިން ލީޑް ނެގި އެވެ. މެޗު ފެށިގެން ދެ ވަނަ މިނެޓްގައި އެންޓޯނިއޯ ޕުއާޓަސް އޭރިއާގެ އަރިމަތިން އަރައި ބާސާގެ ކީޕަރު މާކު އެންޑްރޭ ޓާ ސުޓެގަން ބޯމަތިން ފޮނުވާލި ބޯޅަ ރަމޯން އަޒީޒު ބޮލުން ގޯލްގެ ތެރެއަށް ބޯޅަ ކޮށްޕާލީ ގޯލް ލައިން މަތީގައި ހުރެފަ އެވެ.

ގުރަނާޑާގެ ލޮސް ކާމިނޭސް ސްޓޭޑިއަމްގައި ބާސާ މެޗުން ބަލިވުމުން، މި ސީޒަންގައި ރަށުން ބޭރުގައި ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމަށް މޮޅެއް ހޯދިފަ އެއް ނުވެ އެވެ. ފުރަތަމަ ހާފުގައި ވެސް ނަތީޖާ ޑަބަލް ކޮށްލުމުގުގެ ފުރުސަތު ގުރަނާޑާއިން ތަނަވަސް ކުރި އެވެ. ޕުއާޓަސް ފޮނުވާލި ހަމަލާ ޓާ ސުޓެގަން ދިފާއު ކުރީ އެވެ.

ދެ ވަނަ ހާފުގައި، ކުޅެން ނުކުމެ މެސީ ވަނީ ބާސާ އަލުން ގޭމުގެ ތެރެއަށް ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ގިނަ ހުރަސްތަކެއް ގުރަނާޑާގެ އޭރިއާ ތެރެއަށް ނަގައިދިނެވެ. އެ ހަމަލާތައް ދިފާއު ކުރުމުގައި ގުރަނާޑާގެ ކީޕަރު ރުއީ ސިލްވާ ވެސް ފެނުނީ ހުށިޔާރު ކޮށެވެ.

ގުރަނާޑާގެ ދެ ވަނަ ލަނޑު މެޗުގެ 65 ވަަނަ މިނެޓްގައި ޕެނަލްޓީންއަކުން ކާމިޔާބު ކުރީ އަލްވާރޯ ވަޑީޔޯ އެވެ. އެ ޕެނަލްޓީއަކީ ބާސާގެ އަރުޓޫރޯ ވިޑާލް އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ގުރަނާޑާގެ ކުޅުންތެރިޔަކަށް ފައުލު ކުރުމުން ދިން ޕެނަލްޓީ އެކެވެ.

ރޭ ސެލްޓަވިގޯ އާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް ލަނޑެއް ނުޖެހި އެއްވަރުވުމުން، ގުރަނާޑާ މެޗުން މޮޅުވެ އެ ޓީމު ވަނީ ފައިދާ ގޯލުން ތާވަލުގެ އެއް ވަނަ އަށް ޖެހިލާފަ އެވެ.