ކުޅިވަރު

މިލާންގެ ދެ ބާރުގެ ކުރިމަތިލުން އިންޓައަށް

ޔޫރަޕްގެ އެންމެ ފޯރި ގަދަ ކުރިމަތިލުންތަކުގެ ތެރޭގައި ހިމެނޭ އިޓަލީގެ މިލާންގެ ޑާބީ އޭސީ މިލާންގެ މައްޗަށް 2-0 ން އިންޓަ މިލާނުން ކާމިޔާބު ކޮށްފި އެވެ.

މިލާންގެ މަޝްހޫރު ސެންސީރޯގެ ދަނޑުގައި ކުޅުނު މެޗު އިންޓައިން ކާމިޔާބު ކުރީ ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ. އެހެން ނަމަވެސް އިންޓައިން ވަނީ ފުރަތަމަ ހާފުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. ލާޓޫރޯ މާޓިނޭޒް ފޮނުވާލި ބޯޅަ މިލާންގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރުންމާ ދިފާއު ކުރުމުން ރީބައުންސަށް ނުކުތް ބޯޅަ ޑަނިލޯ އެމްބްރޯސިއާ ވެއްޓިގެންފައި ހުހަށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ފުރަތަމަ ހާފުގައި މާޓިނޭޒް ފޮނުވާލި ބޯޅަ ގޯލަށް ވަން ނަމަވެސް، ވީއޭއާރުން ދެއްކީ އޭނާ އޮފްސައިޑް ވެފައިވާ ކަމަށެވެ. ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި އިންޓައަށް ލީޑް ނަގައިދިނީ މާސެލޯ ބްރޮޒޮވިޗެވެ. ސްޓޭފާނޯ ސެންސީ ނަގައިދިން ބޯޅަ އޭރިއާގެ ކަނާ ދިމާލުގައި ހުރެފައި ބްރޮޒޮވިޗް ފޮނުވާލި ބޯޅަ ގޯލަށް ވަނީ މިލާންގެ ކުޅުންތެރިޔެއްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލު ވެގެން ގޮހެވެ. އެ ބޯޅަ ގޯލާ ހަމައަށް ދިއުމުގެ ކުރިން އިންޓަގެ މާޓިނޭޒް އޮފްސައިޑް ޕޮޒިޝަނެއްގައި ހުރެ ބޯޅައިގައި ޓަޗް ކުރިކަމަށް ބަލައި ވީއޭރް މެދުވެރިކޮށް ބެލި އެވެ. ވީއޭރުން ދެއްކީ މާޓިނޭޒްގެ ހިއްސާއެއް އެ ބޯޅައިގައި ނެތް ކަމަށެވެ.

އިންޓަގެ ދެ ވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓްގައި ނިކޮލާ ބަރެލާ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ރޮމެލޫ ލުކާކޫ އެވެ. ބަރެލޯ ނެގި ހުރަސް ލުކާކޫ ކާމިޔާބު ކުރި ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ކުޅުނު ހަތަރު މެޗުވެސް ކާމިޔާބު ކޮށް އިންޓައިން އެއް ވަނައިގައި އޮތީ 12 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތީ މިދިޔަ ފަސް އަހަރުގެ ޗެމްޕިއަން ޔުވެންޓަސް އެވެ. ހެލަސް ވެރޯނާ އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޔުވެންޓަސް ވަނީ ޖުމުލަ 10 ޕޮއިންޓް ހަމަ ކޮށްފަ އެވެ.