ކުޅިވަރު

މަގާމާމެދު ސުވާލު އުފައްދާނަމަ އަމިއްލައަށް ވަކި ވާނަން

ރެއާލް މެޑްރިޑްގައި އޭނާގެ މަގާމާމެދު ސުވާލު އުފައްދާނަމަ، އަމިއްލައަށް އިސްތިއުފާ ދޭނެ ކަމަށް އެ ކުލަބުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގައި މިދިޔަ ހަފުތާގައި ޕީއެސްޖީ އާ ދެކޮޅަށް ކުޅުނު މެޗުން 3-0 ން ރެއާލް ބަލިވުމުން އެ ޓީމުގެ ފެންވަރާ މެދު ސުވާލު އުފައްދައި ސްޕެއިންގެ މީޑިއާތަކުން ވަނީ ޒިދާންގެ މަގާމާމެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ ޒިދާންގެ ބަދަލުގައި ރެއާލްއަށް ކޯޗު ކަމަށް ގެންނަން ޝޯޓްލިސްޓް ކުރި ކޯޗުންގެ ނަންތަކެއް ވެސް އާންމު ކޮށްފަ އެވެ.

އެހެން ނަމަވެސް ޒިދާން ބުނެފައި ވަނީ، ރެއާލްގެ އެއްވެސް މީހަކު އޭނާގެ މަގާމާމެދު ސުވާލު އުފެދިގެން ނޫޅޭ ކަމަށާއި މަގާމާމެދު ސުވާލު އުފައްދާނަމަ އޭނާ އަމިއްލައަށް ޓީމުން ވަކި ވާނެ ކަމަށެވެ.

"އަހަންނަކަށް ހީނުވޭ ސުވާލު އުފެދިގެން އުޅޭ ހެނެއް،" އޭނާގެ މަގާމާމެދު އުފައްދަދައްިގެން އުޅޭ ސުވާލަށް ޒިދާން ޖަވާބު ދިނެވެ. "އެގޮތް ނޫން އެހެން ގޮތެއް ވާނަމަ އެންމެ ރަނގަޅު ގޮތަކަށްޗވާނީ އަހަރެން އަމިއްލައަށް އިސްތިއުފާ ދިނުން، އެންމެ ފަހު ވަގުތާ ހަމައަށް ކުލަބުގެ ވެރިންނަށް ބާރުވެރިކަން އޮންނާނެ."

އޭނާ ބުނީ، ކުލަބުގެ ބޭރުން ދައްކާ ވާހަކައަށް ސަމާލުކަން ނުދޭ ކަމަށެވެ. ރެއާލް މެޑްރިޑް ކާމިޔާބު ހޯދަމުން ދާއިރު ވެސް އަބަދުވެސް އެ ޓީމުގައި އުނދަގޫ ހާލަތުތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް އަބަދުވެސް އެ ހާލަތު އަރައިގަންނަ ކަން ޒިދާން ފާހަގަ ކުރި އެވެ.

މިރޭ ރެއާލް ނުކުންނާނީ އެ ޓީމުގެ ކުރީގެ ކޯޗް ހުލެން ލޮޕެޓެގީ މިހާރު ކޯޗް ކޮށްދެމުން ގެންދާ ކުލަބު ސެވިއްޔާ އާ ދެކޮޅަށެވެ. ލޮޕެޓެގީ ބުނީ ރެއާލް އާ ދެކޮޅަށް ކުޅެން ޖެހުނަސް މާ ބޮޑު ހާއްސަ ކަމެއް ނެތް ކަމަށެވެ.