ރެއާލް މެޑްރިޑަށް ލަ ލީގާގެ ޕޮއިންޓް ތާވަލުގައި ބާސެލޯނާއަށް ވުރެ ކުރިއަށް ދިއުމުގެ ފުރުސަތު ލިބިފައި އޮވެ އެ ފުރުސަތު ބޭކާރުކޮށްލައިފި އެވެ.
ރެއާލްއާއި ރާޔޯ ވަޔެކާނޯއާ ރޭ ކުޅުނު މެޗް އެއްވަރުވީ 3-3ގެ ނަތީޖާ އަކުންނެވެ.
ރެއާލް މެޑްރިޑްގެ ފަހަތަށް ކުޅޭ ކުޅުންތެރިން ހެދި ގޯސްތަކެއްގެ ސަބަބުން މެޗުގެ ފުރަތަމަ ބައިގައި ރާޔޯ ވަޔެކާނޯ އިން ދެ ގޯލު ކާމިޔާބު ކުރި އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިން ކަމުގައިވާ ކިލިއަން އެމްބާޕޭ އާއި ވިނީސިއަސް ޖޫނިއާ ނުކުޅެ އެވެ.
އެމްބާޕޭ ވަނީ އަނިޔާގެ ސަބަބުން މެޗު ކުޅުމަށް ނުކުޅެދިފަ އެވެ. އަދި މެޗުގެ ފުރަތަމަ ހާފަށްފަހު ވިނީސިއަސްއަށް މެޗުން ބާލައި އޭނާއަށް އަރާމުކުރަން ވަނީ ފުރުސަތު ދީފަ އެވެ.
މި ނަތީޖާއާ އެކު ރެއާލް މެޑްރިޑް އޮތީ 17 މެޗުން 37 ޕޮއިންޓް ހޯދައި، ލަ ލީގާގެ ދެވަނައިގަ އެވެ. އެއީ ބާސެލޯނާއަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެންނެވެ.
ބާސެލޯނާ އިން މާދަމާ ލެގަނޭސްއާ ދެކޮޅަށް ކުޅޭނެ އެވެ. އަދި އެޓްލެޓިކޯ މެޑްރިޑް އިން 16 މެޗުން 35 ޕޮއިންޓް ހޯދައި ތިންވަނައިގައި އޮތް އިރު އެ ޓީމުން މާދަމާ ހެޓާފޭއާ ދެކޮޅަށް ކުޅޭނެ އެވެ.
ރޭގެ މެޗަށްފަހު ރާޔޯ ވަޔެކާނޯ ވަނީ 20 ޕޮއިންޓް ހޯދައި، ލަ ލީގާގެ 13 ވަނަައަށް ޖެހިލާފަ އެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންސެލޮޓީއަށް މި މެޗުގައި އެ ޓީމުގެ ފަހަތް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. ނަމަވެސް އެކަށީގެންވާ ވަރަށް އެކަން ކާމިޔާބެއް ނުވި އެވެ.