ސްޕެނިޝް ލީގުގެ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑް 1-0 އިން ޑިޕޯޓިވޯ އަލަވޭސް އަތުން މޮޅުވެއްޖެ އެވެ.
މި މެޗުގައި ރެއާލްގެ ސުޕަ ސްޓާ ކީލިއަން އެމްބާޕޭއަށް ރަތް ކާޑެއް ދެއްކި ނަމަވެސް ޓީމުގެ ވަރުގަދަ ޑިފެންސާއި އަދި ކީޕަރު ތިބައު ކޯޓުއާގެ ރަނގަޅު ކުޅުމުން ރެއާލްއަށް މޮޅެއް ލިބުނެވެ
މި މޮޅާ އެކު، ކާލޯސް އަންސެލޯޓީގެ ޓީމު ވަނީ ލީގުގެ ޓޭބަލްގައި އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދުގައި އޮތް ފަރަގު ކުޑަކޮށްފަ އެވެ. މިހާރު އެންމެ މަތީގައި އޮތް ބާސެލޯނާ އަށް 31 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 31 މެޗުން 66 ޕޮއިންޓް ލިބިފައިވެ އެވެ.
މި މެޗުގައި ޖެހި ހަމައެކަނި ގޯލު 34 ވަނަ މިނިޓުގައި ކާމިޔާބުކުރީ ރެއާލްގެ މެންޑިފިލްޑަރު އެޑުއާޑޯ ކަމަވިންގާ އެވެ. ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން ކަމަވިންގާ ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ރީތި ޝޮޓެއް ހަދައި ގޯލް ޖަހާފަ އެވެ.
އެމްބާޕޭއަށް ދެއްކި ރަތް ކާޑަކީ 38 ވަނަ މިނިޓުގައި އަލަވޭސްގެ އެންޓޯނިއޯ ބްލާންކޯއަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ކާޑެކެވެ. ފުރަތަމަ އޭނާއަށް ރެފްރީ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރަތް ކާޑަކަށް ބަދަލުކުރިއެވެ. މިއީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން އެމްބާޕޭއަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.
މެޗުގެ ދެވަނަ ހާފުގައި އަލަވޭސްގެ މަނޫ ސަންޗޭޒްއަށްވެސް ރަތް ކާޑެއް ދެއްކި އެވެ. އެއީ ރެއާލްގެ ވިނީޝިއުސް ޖޫނިއާއަށް ކުރި ނުރައްކާތެރި ފައުލެއްގެ ސަބަބުންނެވެ.
މެޗުގައި ރެއާލްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ އަލަވޭސްއިން ފޮނުވާލި ވަރުގަދަ ހަތް ހަމަލާއެއް ދިފާއުކޮށް މޮޅު ކުޅުމެއް ދައްކާފަ އެވެ.
ލީގުގެ ބާކީ އޮތް މެޗުތަކުގައި ރެއާލްގެ ކުޅުންތެރިންނަށް ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަމަ ޓައިޓަލް ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.