ރެއާލް މެޑްރިޑުގެ ތަރި ކީލިއަން އެމްބާޕޭ މިސީޒަނުގައި އޭނާގެ ފުރަތަމަ ހެޓްރިކް ހަދައި، ރެއާލް މެޑްރިޑް ވަޔަޑޮލިޑް އަތުން 3-0 އިން މޮޅުވެއްޖެ އެވެ.
މި މޮޅާއެކު ރެއާލް މެޑްރިޑް ވަނީ ސްޕެނިޝް ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ.
ރޭ ކުޅުނު މެޗުގައި އެމްބާޕޭ ފުރަތަމަ ގޯލު ޖެހީ 30 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމްގެ އެހީތެރިކަމާއެކުގަ އެވެ. އޭނާގެ ދެވަނަ ގޯލު އައީ ދެވަނަ ހާފުގެ 57 ވަނަ މިނެޓުގަ އެވެ. އަދި ހެޓްރިކް ފުރިހަމަކުރީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީ އެއްގައެވެ.
މި މޮޅާއެކު ރެއާލް މެޑްރިޑް މިހާރު އޮތީ 21 މެޗުން 49 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް ވަނީ އަމިއްލަ ދަނޑުގައި ވިޔަރެއާލްއާ 1-1 އިން އެއްވަރުވެފަ އެވެ. އެތްލެޓިކޯ މެޑްރިޑް ތިންވަނައިގައި އޮތީ 21 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ.
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މިދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައި އެމްބާޕޭ ފޯމަކަށް އެޅިފައިވާތީ އޭގެ ފައިދާ ޓީމަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ.
އެމްބާޕޭ މިހާރު ވަނީ މި ސީޒަނުގައި 32 މެޗުން 22 ގޯލު ޖަހާފަ އެވެ.
ތިންވަނައިގައިވާ ބާސެލޯނާ މިރޭ އަމިއްލަ ދަނޑުގައި ވެލެންސިއާއާ ވާދަކުރާނެ އެވެ. ބާސެލޯނާ ވަނީ 20 މެޗުން 39 ޕޮއިންޓް ހޯދާފަ އެވެ.