ކުޅިވަރު

ފާޓީގެ ބައްޕަ ބޭނުންވީ އޭނާ ޕޯޗުގަލް ޓީމަށް ކުޅުވަން

އެފްސީ ބާސެލޯނާގައި މިހާރު ވިދަމުން އަންނަ އުމުރުން 16 އަހަރުގެ އަންސްމާން ފާޓީ (އަންސޫ ފާޓީ) ކުޅުވަން ބޭނުން ވަނީ ޕޯޗްގަލްގެ ގައުމީ ޓީމަށް ކަމަށް އޭނާގެ ބައްޕަ، ބޮރީ ފާޓީ ބުނެފި އެވެ.

އަންސޫ ފާޓީ އުފަންވީ ގިނީ ބަސޯއޯ އަށެވެ. އެހެންނަމަވެސް އުމުރުން ހަ އަހަރުން ފެށިގެން އޭނާ ދިރިއުޅެމުން ދަނީ ސްޕެއިންގަ އެވެ. އަންނަ މަހު ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ ގައުމީ ޓީމަށް އޭނާ ކުޅުވުމަށް ސްޕެއިންގެ ރޯޔަލް ފުޓްބޯލް ފެޑްރޭޝަން (އާރްއެފްއެފް) އިން ވަނީ އޭނާ އަށް ސްޕެއިންގެ ރަށްވެހިކަން ހޯދައި ދިނުމަށް އެހީތެރިވެ ދީފަ އެވެ. މިދިޔަ ހުކުރު ދުވަހު ފާޓީ އަށް ވަނީ ސްޕެއިންގެ ރަށްވެހިކަން ލިބިފަ އެވެ.

ބުރެޒިލްގައި އަންނަ މަހު ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑްކަޕުގައި ޒުވާން ވިންގާ ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު ނަމަވެސް އޭނާގެ ބައްޕަ އެދޭ ގޮތަށް އަދިވެސް ޕޯޗްގަލްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އެބައޮތެވެ. ފީފާގެ ގަވާއިދު ބުނާ ގޮތުން އުމުރުފުރާތަކުގެ ގައުމީ ޓީމަށް ކުޅުނުނަމަވެސް ސީނިއާ ލެވަލްގައި ނުކުޅޭހާ ހިނދަކު ގައުމީ ޓިމު ބަދަލު ކުރުމުގެ ފުރުސަތު އޮވެ އެވެ.

ބޮރީ ފާޓީ ބުނީ އޭނާގެ ދަރިފުޅުގެ ނެޝަނަލްޓީގައި މިހާރު ގޮސް އޮތް ހާހިސާބަށް ދިއުމުން އެއީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

"އަހަރެންގެ ހުވަފެނަކަށް ވީ އަހަރެންގެ ދަރިފުޅު ޕޯޗްގަލް ޓީމަށް ކުޅުން އަދި އަހަންނަށް ހީވަނީ އޭނާގެ ހުވަފެނަކަށްވެސް އެކަން ވާނެ ހެން،" ޕޯޗަގަލްގެ ކުޅިވަރު ނޫސް އެ ބޯލާއަށް ދިން އިންޓަވިއުގައި ބޮރީ ފާޓީ ބުންޏެވެ. "ތަންކޮޅެއް ކުރިން އަހަރެން ވާހަކަ ދެއްކިން ޕޯޗްފަލްގެ ފެޑްރޭޝަންގެ ޑިރެކްޓަރަކާ، ވާހަކަތަށް ދިޔައީ ވަރަށް ރަނގަޅަށް، އެހެންނަމަވެސް ފަހުން ގުޅާނެ ކަމަށް ބުނެފައި އެފަރާތުން ގުޅާފަ އެއް ނެތް."

މި ސީޒަންގައި ބާސާގެ ސީނިއާ ޓީމުން ފާޓީއަށް ދިން ފުރުސަތުގައި އޭނާ ދެއްކި ކުޅުމާއެކު ސްޕެއިންގައި އޭނާގެ މަގުބޫލުކަން ވަނީ އިތުރުވެގެން ގޮސްފަ އެވެ. ބާސާގެ ޓީމުގައި ކުޅުނު ފަސް މެޗުގައި ފާޓީ ވަނީ މިހާތަނަށް ދެ ލަނޑު ޖާހަފަ އެވެ.

"މި މެޗުތައް ކުޅުނު ހިސާބުން ސްޕެއިންއަށް ޕްރެޝަރު އިތުރުވެގެން ދިޔަ ފާޓީ އާމެދު." ބޮރީ ފާޓީ ވާހަކަ ދެއްކި އެވެ. "މިހާ ހިސާބުން އަހަންނަށް ގުޅީ ސީދާ ސްޕެއިންގެ ފުޓްބޯލް ފެޑްރޭޝަންގެ ރައީސް [ލުއިސް ރުބިއަލެސް]."

ބޮރީ ފާޓީ ބުނީ، ޕޯޗްގަލްއަށް ކުޅުމަށް އޭނާގެ ދަރިފުޅަށް ވަރަށް ފަސޭހައިން ވިސްނައި ދެވިދާނެ ކަމަށެވެ. އެއީ އަންސޫފާޓީވެސް ޕޯޗަގަލްއަށް ޝައުގުވެރި ވާތީ ކަމަށެވެ. އެހެންނަމަވެސް މިހާރު ފާޓީ ކުޅޭނެ ގައުމީ ޓީމެއް އިހްތިޔާރު ކުރުމުގެ ފުރުސަތު އޭނާގެ ދަރިފުޅަށް ދީފައި ވާނެ ކަމަށް ބޮރީ ފާޓީ ބުންޏެވެ.

ބާސާގެ އެކެޑެމީގައި އެޓީމުގެ މިހާރުގެ ސީނިއާ ޓީމު ކެޕްޓަން ލިއޮނަލް މެސީގެ ފުރާވަރު އުމުރުގައި އޭނާ ހޭދަކުރިއިރު، ސްޕެއިންގެ ފުޓްބޯލް ފެޑްރޭޝަންގެ އިސް ވެރިން ވަނީ ބާސާގެ އެކޭޑމީއަށް ގޮސް މެސީއާ ބައްދަލު ކޮށްފަ އެވެ. މެސީއަށް ހުށަހެޅީ ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމަށެވެ. އެހެންނަމަވެސް މެސީ އިހްތިޔާރު ކުރީ އޭނާގެ އުފަން ގައުމު އާޖެންޓީނާއަށް ކުޅުމަށެވެ.