ކުޅިވަރު

ޔަމާލްގެ ބައްޕައަށް ވަޅިން ހަމަލާ ދީފި

ބާސެލޯނާ އަދި ސްޕެއިންގެ ގައުމީ ޓީމުގެ ޒުވާން، ހުނަރުވެރި ކުޅުންތެރިޔާ ލަމީން ޔަމާލްގެ ބައްޕަ މުނީރު ނަސްރާވީއަށް ވަޅިން ހަމަލާދީފި އެވެ.

މި ހަމަލާ ދީފައިވަނީ ރޭގެ ވަގުތެއްގައި ސްޕެއިންގެ އިރުމަތީ އުތުރުގައިވާ މަޓަރޯ ކިޔާ ރަށެއްގައި ކާރު ޕާކް ކުރާ ތަނެއްގައި ހުއްޓާ ކަމަށް ސްޕޭންގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ހަމަލާ ދިނުމާއެކު މާލަސްތަކެއް ނުވެ ނަސްރާވީ، ކައިރީގައި އޮތް ބަދަލޯނާ ސިޓީގެ ކަން ރުޓީ ހޮސްޕިޓަލަށް ފަރުވާއަށް ގެންދެވުނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާއާއި ގުޅިގެން ނަސްރާވީގެ ހާލު ސީރިއަސް އެވެ. ނަމަވެސް އޭނާގެ އާއިލާ އިން ވެސް އަދި ކަމާ ގުޅޭ އިދާރާއަކުން މިމައްސަލައިގައި އަދި ރަސްމީކޮށް ވާހަކަދައްކާފައެއް ނުވެ އެވެ.

އެކަމަކު ރިލެވޯ ކިޔާ ކުޅިވަރު ވެބްސައިޓަކުން ރަސްމީ އިދާރާތަކާ ހަވާލާދީ ފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަސްރާވީ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

ލަމީން ޔަމާލް ވަނީ ލަލީގާގައި މިއަހަރު ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކުމަށްފަހު ސްޕެއިންގެ ޓީމަށް މިއަހަރުގެ ޔޫރޯ ތަށި ހޯދައިދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ޔަމާލް ވަނީ ސެމީފައިނަލްގައި ފްރާންސާ ދެކޮޅަށް ލަނޑެއް ޖެހުމަށްފަހު، ފައިނަލްގައި އިނގިރޭސިވިލާތާ ދެކޮޅަށް ކުޅެ ސްޕެއިންއަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.