ތޯމަސް ކުކް ބަނގުރޫޓުވުން: ރާއްޖެއަށް ކޮން އަސަރެއް؟

ތޯމަސް ކްކް ބަނގުރޫޓުވުމާ ގުޅިގެން ރާއްޖެއަށް ކޮށްފާނެ ނޭދެވޭނެ އަސަރުތަކާބެހޭ ގޮތުން އަވަސް އިން އުފެއްދި ވީޑިއޯ ރިޕޯޓް | އަވަސް

ދުނިޔޭގެ އެންމެ ބޮޑު އެއް ޓްއާ އޮޕަރޭޓަރު، ތޯމަސް ކުކް ބަނގުރޫޓުވިކަން މިހާރު ވަނީ ރަސްމީކޮށް ދުނިޔެއަށް އިއުލާނުކޮށްފަ އެވެ. އޭގެ ސަބަބުން އެ ކުންފުނީގެ އެހީގައި ދުނިޔޭގެ އެކި ގައުމުތަކުގައި ޗުއްޓީ ހޭދަ ކުރަމުންދާ ޓޫރިސްޓުން ވަނީ އެކި ގައުމުތަކުގައި ތާށިވެފަ އެވެ. އެ ކުންފުންޏަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ގެންނަ ތިން އޮޕަރޭޓަރުންގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. ވީއިރު، ތޯމަސް ކުކް ބަނގުރޫޓު ވެގެން ދިއުމުން ރާއްޖޭގެ ޓޫރިޒަމަށް ކިހާ ބޮޑު އަސަރެއް ކޮށްފާނެ ހެއްޔެވެ؟ މިއީ ލަސް ނުކޮށް ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމެކެވެ.

"ތޯމަސް ކުކަކީ ރާއްޖެއަށް އެންމެ ގިނަ އިން މީހުން ގެންނަ އެއް އޮޕަރޭޓަރު. އެހެންވީމަ މިއިން ރާއްޖެއަށް އިފެކްޓް ކުރުމުގެ ފުރުސަތު ވަރަށް ބޮޑު،" ރާއްޖޭގެ ޓޫރިޒަމްގައި މަޝްހޫރު ވިޔަފާރިވެރިއަކު ނަން ހާމަ ނުކޮށް ވިދާޅުވި އެވެ.

ތޯމަސް ކުކް ބަނގުރޫޓްވީ ރަނގަޅަށް މެނޭޖު ނުކުރެވުމާއި ދުނިޔޭގެ ޓްރެވަލް ޓްރެންޑާ އެއްވަރަށް އެ ކުންފުނިން ފައިހަމަ ނުކޮށް، މުސްކުޅި ގޮތުގައި ދެމި ތިބުމަށް ކުރި މަސައްކަތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ދުނިޔޭގެ ޓްރެވަލް ޓްރެންޑް އޮންލައިނަށް ބަދަލު ވެގެން ދިޔައިރު ވެސް ތޯމަސް ކްކް އޮތީ އިހުގެ ގޮތުގައި ވަރަށް ފަހަތުގަ އެވެ. އޭގެ ނަތީޖާއަކަށްވީ ކުންފުންޏަށް އޮތް ވިޔަފާރީގެ ފުރުސަތުތައް ގެއްލި ބޮޑު ގެއްލުމަކާ ކުރިމަތިވުމެވެ.

އެ ކުންފުންޏަށް 200 މިލިއަން ޕައުންޑުގެ ގެއްލުމެއް ވެފައިވެ އެވެ. އަދި އެ ގެއްލުމުން އަރައިގަތުމަށް އިނގިރޭސި ސަރުކާރާއެކު ކުންފުނިން ކުރިއަށް ގެންދިޔަ މަޝްވަރާ ކޮޅެއްގައި ނުޖެހި އެންމެ ފަހުން އިއްޔެ ވަނީ ބޭންކްރަޕްސީ އިއުލާނުކޮށްފަ އެވެ. އަދި އެކަން ރާއްޖޭގެ ރިސޯޓު ތަކަށް ވެސް ވަނީ މިހާރު އަންގާފަ އެވެ.

މި ގެއްލުމާއެކު އެ ކުންފުނިން ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވާފައިވާ އެތަށް ލައްކަ މީހުން އެކި ގައުމުތަކުގެ ހޮޓާތަކުގައި ތާށިވެފައި އެބަތިއްބެވެ.

ރާއްޖޭގެ ރިސޯޓުތަކަށް ފައިސާ ދޭން ޖެހޭ

ރާއްޖެ އަށް މީހުން އަންނަ މަޝްހޫރު ކޮންޑޯއަކީ ތޯމަސް ކްކްގެ ޓޫރިސްޓުން ގެންނަ އެއް އެއާލައިނެވެ. ތޯމަސް ކުކަށް ދިމާވި މާލީ މައްސަލަތަކުގެ ސަބަބުން، ރާއްޖޭގެ ގިނަ ރިސޯޓު ތަކުން އެ ކުންފުންޏާ ދުރަށްދާން ފަށާފައިވާތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. އެގޮތުން ބަނގުރޫޓްވި އިރު އެ ކުންފުންޏާއެކު ވިޔަފާރީގެ ގުޅުން އެންމެ ބޮޑަށް އޮންނަ ކަމަށްވަނީ ރާއްޖޭގައި އެންމެ ކުރިން ހުޅުވާފައިވާ ކުރީގެ ބައެެއް ރިސޯޓުތަކެވެ.

ރާއްޖޭގެ ޓޫރިޒަމް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ތޯމަސް ކުކް ބަނގުރޫޓުވުމުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު އިމްޕެކްޓެއް އައުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

"ހަފުތާއަކު ހަތަރު ފްލައިޓު ވަރު ހަމައެކަނި ކޮންޑޯ އިން ބާއްވާ. އެހެންވީމަ ބެލެވެނީ ރާއްޖޭގައި ވެސް ޓޫރިސްޓުން ތިބޭނެ ކަމަށް އެ ކުންފުނީގެ. ބެލެވެނީ 700 އެހާ ޓޫރިސްޓުން ރާއްޖޭގައި ތިބޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް 1972 ގައި އުފެއްދުނީއްސުރެ ޓޫރިޒަމްގެ ބޮޑު ކޮންޓްރޯލެއް ނަގައިގެން އެ ކުންފުނިން މީގެ ފަސް އަހަރު ކުރިއާ ޖެހެންދެން އުޅުނެވެ. ނަމަވެސް މިހާރު އެ ކުންފުނި ވަނީ ރާއްޖޭގެ މާކެޓުގައި ކޯނީ ފަދަ ޓުއާ އޮޕަރޭޓަރުންނާ އަޅާ ބަލާއިރު ބޮޑު ތަނުން ދަށްވެފަ އެވެ. އެކަމަކު އެ ކުންފުނީގެ ވިޔަފާރީގެ ބައެއް ރާއްޖޭގައި ވެސް އޮންނާނެ އެވެ. އެހެންވެ އޭގެ ގެއްލުން ރާއްޖެއަށް ފޯރާނެ އެވެ.

އެނގިފައިވާ ގޮތުން ތޯމަސް ކުކް ބަނގުރޫޓުވުމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ އަސަރުތައް ބެލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަށާފަ އެވެ. އެކަމާ ބެހޭ ގޮތުން މިނިސްޓްރީން މުހިންމު ބައްދަލުވުމެއް ވެސް މިއަދު ބާއްވާނެ އެވެ.

ރާއްޖޭގެ ޓްއާ އޮޕަރޭޓަރުންގެ ޖަމިއްޔާ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް އަވަސް އަށް ވިދާޅުވި ގޮތުގައި ތޯމަސް ކުކްގެ މައްސަލާގައި ރާއްޖެ އަށް ކުރާނެ އަސަރު އެ ޖަމިއްޔާ އިން ވެސް ބަލަމުންދެ އެވެ.

ތޯމަސް ކުކް ޓޫރިސްޓުންނަށް އެހީވެދޭނެ

ދުނިޔޭގެ އެންމެ ބޮޑު އެއް ޓްއާ އޮޕަރޭޓަރު ތޯމަސް ކުކް ބަނގުރޫޓުވުމާއި ގުޅިގެން، އެ ކުންފުނި މެދުވެރިކޮށް ރާއްޖެ އައިސްފައިވާ ޓޫރިސްޓުން އަނބުރާ އެ މީހުންގެ ގައުމުތަކަށް ގެންދިއުމުގައި އެހީތެރި ވެދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ މިނިސްޓްރީން ބުނީ ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެ އައިސްފައިވާ ޓޫރިސްޓުން އެ މިނިސްޓްރީއާ އެމްއެމްޕީއާރްސީ ގުޅިގެން އެ މީހުންގެ ގައުމުތަކަށް އަނބުރާ ދެވޭނެ އިންތިޒާމު ހަމަޖައްސަން ކަމާގުޅޭ ފަރާތްތަކާއެކު ކައިރިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ކަމާގުޅޭ އިދާރާތަކުން މިހާރު ގެންދަނީ ތޯމަސް ކުކް މެދުވެރިކޮށް ރާއްޖޭގެ ރިސޯޓްތަކަށް އައިސް ތިބި ޓޫރިސްޓުންގެ އަދަދާއި އެ މީހުންގެ މައުލޫމާތާއި އަނބުރާ ގައުމަށް ދާން ހަމަޖައްސާފައިވާ ދުވަސްތަކާއި ގުޅޭ މައުލޫމާތު ހޯދަމުންދާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އެފަދަ ޓޫރިސްޓުންނަށް ވީއައިއޭގައި ހާއްސަ ހެލްޕް ޑެސްކެއް ބަހައްޓާފަ އެވެ. އަދި އެ ފަދަ އެއްވެސް ޓޫރިސްޓަކު ނުފުރިފައި ތިބެން ނުޖެހޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ބުނެފަ އެވެ.

ރާއްޖެ އަށް ފިލާވަޅެއް

ރާއްޖޭގެ ޓްރެވަލް ކުންފުންޏެއް ކަމަށްވާ ލެޓްސްގޯގެ ވެރިޔާ، މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި ޓްރެވަލް ކުންފުނިތައް ބަނގުރޫޓުވުމަކީ އާ ކަމެއް ނޫނެވެ. ނަމަވެސް ތޯމަސް ކްކްގެ ހާދިސާގައިން ރާއްޖެ ފިލާވަޅެއް ހޯދަން ޖެހޭނެ އެވެ

"ދިވެހި ކުންފުނިތައް ބާރުވެރި ކުރުވައިގެން މި ފަދަ އިމްޕެކްޓް ތަކުން އިކޮނޮމީ ސަލާމަތް ކުރެވޭނީ. ދިވެހި ޓްރެވަލް ކުންފުނިތައް ފައިމައްޗަށް ނަގައިދީގެން... ތޯމަސް ކުކް އަކަށް ވެސް ނޭނގޭނެ ރާއްޖޭގެ ޓޫރިޒަމް ދިވެހިންނަށް އެނގޭ ވަރަކަށް. އެކަމަކު ދިވެހިންނަށް ފުރުސަތު ނުދިނީމަ މިކަހަލަ ގެއްލުންތަކުގެ ތެރެއިން ރާއްޖެއަށް ގެއްލުން ކުރިމަތިވަނީ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި ކުންފުނިތަކަށް ރަނގަޅު ފުރުސަތެއް ދީފައި އޮތްނަމަ، ގައުމުތަކަށް ގޮސްގެން ވެސް މީހުން ހޯދާނެ އެވެ. އަދި ތޯމަސް ކުކަށް ދިމާވި ހާދިސާއަކީ ރާއްޖެ އިން ފިލާވަޅެއް ހޯދަން ޖެހޭ ހާދިސާއެކެވެ.