ވިޔަފާރި

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 16 ޕަސެންޓް އިތުރުވެއްޖެ

މިނިސްޓަރު އަލީ ވަހީދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- އަވަސް ވީޑިއޯ

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 16.8 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ޓޫރިޒަމް އެރައިވަލްސްގެ މައުލޫމާތު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ މަހު ރާއްޖެ އަށް 320،135 މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި މީހުންނާ އަޅާ ބަލާއިރު 16.8 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

ނިއުސް ކޮންފަރެންސަށްފަހު މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ޔޫރަޕްގެ ގައުމު ތަކުން ވަނީ ރާއްޖޭގެ ޓޫރިޒަމްގެ 55 ޕަސެންޓުގެ ހިއްސާއެއް ކޮށްފައިވެ އެވެ. މި މުއްދަތުގައި ޔޫރަޕުން ޔޫރަޕުން 13 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައި ވެ އެވެ.

އަދި އޭޝިއާ ސަރަހައްދުން ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 37 ޕަސެންޓް ހިއްސާކުރާ ކުރި އެވެ. މި ސަރަހައްދުން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 8.5 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިވެ އެވެ. މި މުއްދަތުގައި އެމެރިކާ އިން ރާއްޖެ އަށް އައިސްފައިވާ ޓޫރިސްޓުންގެ ނިސްބަތަށް ވަނީ 26 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފަ އެވެ.

އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައި ގައުމުތަކަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ އަދި ވެސް ޗައިނާ އެވެ. އެ ގައުމުން އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 17.8 ޕަސެންޓްގަ އެވެ. އަދި އިޓަލީން އައި ޓޫރިސްޓުންގެ ނިސްބަތް އުޅެީ 10.8 ޕަސެންޓްގަ އެވެ.