ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

އިއްޔެއާ މިއަދު ރާއްޖެއައީ 86 ފަތުރުވެރިން

އިއްޔެއާ މިއަދު ރާއްޖެ އައިސްފައިވަނީ ޖުމްލަ 86 ފަތުރުވެރިން ކަމަށް ސަރުކާރުން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ މައުލޫމާތު ހާމަކުރައްވާ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ އިއްޔެ ރާއްޖެ އައިސްފައިވަނީ 45 ފަތުރުވެރިން ކަމަށެވެ. އަދި މިއަދު ރާއްޖެ އައިސްފައިވަނީ 39 ފަތުރުވެރިން ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން މަދުވެފައިވާއިރު މާދަމާއިން ފެށިގެން ރާއްޖެއަށް ފަތުރުވެރިންނަށް ނާދެވޭނެ އެވެ. ސަރުކާރުން ވަނީ ރާއްޖެއަށް ބޭރު މީހުން އެތެރެނުވެވޭގޮތަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.

މީގެ ކުރިން ރާއްޖެއަށް ކޮންމެ ދުވަހަކުހެން 5000 ވުރެ ގިނަ ފަތުރުވެރިން އާދެއެވެ. އަދި ވީއައިއޭއަށް 50 ވުރެ ގިނަ ފްލައިޓް ޖައްސައެވެ.

މަބްރޫކް ވިދާޅުވީ އިއްޔެ 33 ދިވެއްސަކު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިއަދު ރާއްޖެ އައިސްފައިވަނީ ނުވަ ދިވެއްސެއް ކަމަށް ވިދާޅުވިއެވެ. އެ އެންމެންވެސް ވަނީ 14 ދުވަހަށް ކަރަންޓީން ކުރުމަށް ފެސިލިޓީތަކަށް ގެންގޮސްފައެވެ.

ކޮވިޑް19 އާ ގުޅިގެން އިއްޔެއާ ހަމައަށް 50 ރިސޯޓް ވަނީ ބަންދުކޮށްފައެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ހުރިހާ ރިސޯޓްތައް ބަންދު ކުރާނެ ކަމަށް ބެލެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.