ޓެރަރިޒަމާއި ދީނީ ހަރުކަށިކަން ފެތުރުމުގައި އިންޓަނެޓްގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުން ކުރުން ހުއްޓުވަން ފިޔަވަޅު އެޅުމުގައި ރާއްޖޭގެ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، "ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑާޒް ޑައިލޮގް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ކޮންފަރެސްންގައި ރައީސް ވަނީ ހައްދުފަހަނައަޅާ ދިޔުމާއި ޓެރަރިޒަމް ހުއްޓުވަން ކުރިން އެޅި ފިޔަވަޅުތަކުން މާ ބޮޑު ނަތީޖާއެއް ފެނިފައި ނުވާ ކަމަށާއި އެ ފިޔަވަޅުތަކަކީ އިޖްތިމާއީ އަދި ސިޔާސީ ކަންކަމުގެ ސަބަބުން ހައްދުފަހަނައަޅާ ދާންޖެހޭ ސަބަބުތަކަށް ރިއާޔަތްކޮށް އަޅާފައިވާ ފިޔަވަޅުތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އަދި ނަސްލީ ތަފާތު ކުރުމާއި، އަނިޔާވެރިކަމާއި ނަފުރަތު އުފެދޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ސަރުކާރުތަކަކަށް ރައީސް ސޯލިހު ވަނީ ގޮވާލައްވާފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައާ ޑިޖިޓަލް ޓެކްނޮލޮޖީގެ ހާއްސަ ކުންފުނިތަކާއި ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ނަފުރަތާއި އަނިޔާވެރި ކަމަށް ހިތްވަރު ދިނުން ހުއްޓުވަން ރާއްޖޭގެ އެއްބާރުލުން ދޭނެ އެވެ. މިހާރުވެސް އެގޮތަށް އަމަލު ކުރާ ގައުމުތަކަށް ތައުރީފު ކުރައްވައި، ރާއްޖެއިން ވެސް އަނިޔާވެރި ކަމާއި، ހައްދުފަހަނައަޅައި ދިޔުމަށް މަގުފަހިވާ ޒާތުގެ ލިޔުންތަކާއި ޝާއިއު ކުރެވޭ އެފަދަ ތަކެތި ބޭނުން ނުކުރެވޭ ގޮތަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މަރާލާފައިވާ ރާއްޖޭގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ ހާދިސާއަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުތައް ނުހުއްޓުވުމުން ކުރިމަތިވާ ނޭދެވޭ ކަންތައްތައް ރާއްޖެ ވަރަށް ގާތުން ތަޖުރިބާ ކޮށްފި ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ އެފަދަ ރިލްވާން މައްސަލަ ފަދަ ހާދިސާއެއް އެހެން ދިވެހި އާއިލާއެއް ތަހައްމަލު ކުރަން ނުޖެހޭވަރަށް ކަންކަން ކަށަވަރުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.