ރާއްޖެ ދުނިޔެއާ އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް އައިސް، ރާއްޖޭގައި އަލުން ޑިމޮކްރަސީ އިޔާދަވުމުގެ މަގަށް ދަތުރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނިއުޔޯކުގައި ކުރިޔަށްދާ އދ. ގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރައްވަމުންނެވެ. އެ މަނިކުފާނު ތަގުރީރު ކުރެއްވީ އިނގިރޭސި ބަހުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޚުދުމުހުތާރު ވިސްނުންތަކާ ދެކޮޅަށް ކަމަށެވެ. އަދި ވޭތިވެދިޔަ އަހަރުތަކުގައި ރާއްޖެއާއި ދޭދޭ ގައުމުތަކާއި އޮތް ގުޅުން ކިތަންމެ ބޮޑަށް ހީނަރުވެގެން ދިޔަ ނަމަވެސް އެކަމަށް މިހާރު ނިމުން އައިސްފައިވާ ކަމަށެވެ. އަދި ދިވެހިން މިއަދު ތިބީ ޑިމޮކްރަސީ އިޔާދަ ކުރުމުގެ ވަރުގަދަ ދަތުރެއްގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަން ދެއްވާފައި ވާނީ ރައްޔިތުންނާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން ހޯދަން ކަމަށެވެ. ޑިމޮކްރަސީއެއްގައި އޮންނަ ކަމަކީ ހަމައެކަނި އިންތިޚާބުތައް ބޭއްވުން ނޫން ކަމަށާ ރައްޔިތުންނާ ގުޅޭ ކަންކަމުގައި އެ ރައްޔިތުން ފުރިހަމަ ބައިވެރިން އޮންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީއާއެކު އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ ޒިންމާއަކީ ކުޑަ ޒިންމާއެއްގެ ގޮތުގައި ނުނަންގަވާ ކަމަށާއި ޑިމޮކްރަސީ ހަރުދަނާ ކުރަން އަދިވެސް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ހުރި ކަމަށެވެ. އަދި ވިދާޅުވީ ވޭތިވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ މުއައްސަސާތަކުގެ މިނިވަންކަން އޮތީ ގެއްލިފައިކަމަށާއި ޖުޑީޝަރީގެ މިނިވަންކަން ގެއްލި، މަޖިލީހުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އިތުރަށް އިދިކޮޅު ހުރިހާ ލީޑަރުން ޖަލުގައި ނުވަތަ ގައުމުން ބޭރުގައި އަރުވާލެވިފައި ތިބެން ޖެހުނު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިއަދު އެ ހުރިހާ ކަމަކަށް ނިމުން އައިސްފައިވާ ކަމަށެވެ. އަދި އެ މަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަން ދޭ ކަންކަން ވެސް ހާމަކޮށް ދެއްވި އެވެ. އެގޮތުން މުއައްސަސާތައް ވަރުގަދަ ކުރުމާއި ރާއްޖެ ލާމަރުކަޒު ކުރުމާއި، ތިމާވެށި ހިމާޔަތް ކުރުމާއި، އަދުލު އިންސާފު ކަށަވަރު ކުރަން ގާނޫނީ އޮނިގަނޑުތައް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެއް ތަފްސީލުތައް ދެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން އެންމެ އިސްކަންދޭ ކަމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށރެވެ. އެގޮތުން މިހާރު އާންމުވަމުންދާ ހައްދުފަހަނައެޅުމާއި ޓެރެރިޒަމް އަމަލުތައް ހުއްޓުވުމުގެ އިތުރުން ދީނުގެ ނަމުގައި ކުރެވޭ ތަފާތު އަމަލުތަކާއި ޒުވާނުންގެ ސިކުނޑިތައް އެފަދަ ކަންކަމަށް ލަންބަން ކުރާ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އެ މަސައްކަތުގައި ދެމި ތިބުމަށް ވެސް ބައިނަލްއަގުވާމީ މުޖްތަމައުގެ ކިބައިން ރައީސް އެދިވަޑައިގެންނެވި ވެއެވެ.
އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމާއި، ކައުންޓާ ޓެރަރިޒަމްގެ ދާއިރާއިން ތަމްރީނު ދިނުމާއި ތަޖުރިބާ ހިއްސާ ކުރުމާއި، ޓެރަރިޒަމް ވިއުގަތަކަށް ޚަރަދު ކުރުން ހުއްޓުވުމަށް މާލީ ނިޒާމު އިސްލާހުކޮށް ހަރުދަނާ ކުރުން ފަދަ ކަންކަމަކީ އެޅިދާނެ ހަރުދަނާ ފިޔަޅުތައް ކަމަށް ވެސް ރައީސް ސޯލިހު މިރޭ ވިދާޅުވިއެވެ.
އދ ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު މިފަހަރު މި ތަގުރީރު ކުރައްވާފައިވަނީ އެ މަޖުލީހުގައި ރާއްޖޭގެ ރައީސަކު ތަގުރީރު ނުކުރައްވާތާ ހަ އަހަރަށް ފަހު އެވެ.
ރައީސް ސާލިހު މިފަހަރު ތަގުރީރު ކުރެއްވީ އާންމު މަޖިލީހުގައި ގައުމުތަކުގެ ލީޑަރުން ތަގުރީރު ކުރައްވާ ތަރުތީބުގެ ހަވަނައަށެވެ. މިއީ ދުނިޔޭގެ ބޮޑެތި ގައުމުތަކާ އެއްހަމައެއްގައި އދ ގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ އެންމެ ކުރީކޮޅުގައި ބަސް ބުނުމަށް ރާއްޖެއަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއްކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.