ތޯރިގު އިބްރާހިމް

ރައީސް ސޯލިހަށް ކުރީގެ ވަޒީރު ތޯރިގުގެ ތައުރީފު

އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ރައީސަކު ތަގުރީރު ނުކުރައްވާތާ އަހަރުތަކަކަށް ފަހު، ރައީސް ސޯލިހު ތަގުރީރު ކުރެއްވުމުން، ރައީސް ޔާމީން ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތައުރީފު ކުރައްވައިފި އެވެ.

އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ތަގުރީރު ކުރައްވާފައި ވަނީ އެ މަޖުލީހުގައި ރާއްޖޭގެ ރައީސަކު ތަގުރީރު ނުކުރައްވާތާ ހަ އަހަރަށް ފަހު އެވެ.

ކުރީގެ މިނިސްޓަރު ތޯރިގު ވިދާޅުވީ އަހަރުތަކަކަށްފަހު، އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ އެންމެ އިސްވެރިޔަކު ތަގުރީރު ކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެއީ ދިވެހިންނަށް ލިބުނު ޝަރަފެއްގެ ގޮތުގައި ތޯރިގު ސިފަ ކުރެއްވި އެވެ.

މީގެ އިތުުރުން ރައީސުލްޖުމްހޫރިއްޔާގެ ތަގުރީރުގައި މޫސުމީ މައްސަލަތަކަށް ވަރަށް ބޮޑަށް އަލިއަޅުވާލައްވާފައިވާތީ އެކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރައީސް ރޭ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް ވެސް އެޅިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަ ކުރުމަށް ފާއިތުވި 30 އަހަރު ރާއްޖެއިން ވަކާލާތުކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ގައުމުތައް ނެތިދިއުމުގެ ބިރު އޮތް މިންވަރު ބޮޑުކަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ސަރަހައްދުގެ 99 ޕަސެންޓަކީ ކަނޑު. ހިކިފަސްތަނަކީ ޕަސެންޓެއްގެ މިންވަރު. މި ސަބަބާއި ގުޅިގެން ދިވެހިން ވެފައި ވަނީ ކަނޑުގެ ބޮޑު ދައުލަތަކަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރުމުން ދިވެހިންގެ ދިރިއުޅުމުގެ ނާޒުކުކަން ހާމަވެގެންދާނެ ކަމަށެވެ.

އާންމު މަޖިލީހުގައި ރައީސް ކުރެއްވި ތަގުރީރަށް ތޯރިގު ތައުރީފު ކުރައްވާފައިވާއިރު، ރައީސްގެ ތަގުރީރުގައި ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާތީ މިހާރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ސޯލިހަށް ފާޑު ވިދާޅުވެފަ އެވެ. އަދި ރައީސްގެ ތަގުރީރުން ހާމަވީ، ބަދަލު ހިފުމުގެ ރޫހު އޮތް މިންވަރުކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.