ހަތެއް

މޫސުމީ މައްސަލައަކީ ދިރިއުޅުމާ ގުޅިފައިވާ ހަނގުރާމައެެއް: ރައީސް

މޫސުމީ މައްސަލައަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ހަނގުރާމައެެއްކަމަށާ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް ވެސް ނޭޅިފައިނުވާކަމީ ކަންބޮޑުވާކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނިއުޔޯކުގައި ކުރިޔަށްދާ އދ. ގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް ވެސް ނޭޅިފައިނުވުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށް ފާއިތުވި 30 އަހަރު ރާއްޖެއިން ވަކާލާތުކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ގައުމުތައް ނެތިދިއުމުގެ ބިރު އޮތް މިންވަރު ބޮޑުކަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ސަރަހައްދުގެ 99 ޕަސެންޓަކީ ކަނޑު. ހިކިފަސްތަނަކީ ޕަސެންޓެއްގެ މިންވަރު. މި ސަބަބާއި ގުޅިގެން ދިވެހިން ވެފައި ވަނީ ކަނޑުގެ ބޮޑު ދައުލަތަކަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރުމުން ދިވެހިންގެ ދިރިއުޅުމުގެ ނާޒުކުކަން ހާމަވެގެންދާނެކަމަށެވެ.

އދ ގެ ކްލައިމެޓް އެކްޝަން ސަމިޓްގައި ހުށައަޅާފައިވާ ރާއްޖޭގެ "މޯލްޑިވްސް ސްމާޓް ރެސިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް" މޮޑެލަކީ މޫސުމީ ބަދަލުތަކުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކާރިސާއިން އަރައިގަތުމަށް ރާއްޖެއިން އިސްނަގައިގެން ކުރާ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި މަސައްކަތެއްކަމަށްވެސް ރައީސް ރޭ ވިދާޅުވިއެވެ.

އަދި، ދިވެހިރާއްޖޭގެ މި މޮޑެލަކީ މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއްކަމަށް ވިދާޅުވިއެވެ. މި މޮޑެލަކީ ގުދުރަތީ ހައްލުތަކަށް ބާރުއަޅައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އީޖާދީ ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއްކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ތަގުރީރުގައި ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ގެ ކުރިން މުޅިން ހުއްޓާލުމުގެ މަސައްކަތް ދިވެހިރާއްޖެއިން މިހާރު ފަށާފައިވާކަމަށް ވިދާޅުވެފައެވެ. - ރައީސް އެހެން ވިދާޅުވުމުން އާންމު މަޖިލީހުގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ ތަރުހީބުގެ އަތްތިލަބަޑިއެއް ޖައްސަވާފައެވެ. -