ކޮޕް26 ވޯލްޑް ލީޑާސް ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުޅި ދުނިޔެއަށް ދެއްވީ އިންޒާރެކެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މި ކުޑަކުޑަ ރާއްޖެއަށް ވެދާނެ ގޮތުގެ އިންޒާރެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ހުވަފެނީ މަންޒިލް ކަމަށްވާ ޖަޒީރާ މި ގައުމު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނެތި ހިނގައިދާނެ ކަމުގެ ބިރުވެރި އިންޒާރެވެ.
ކޮޕް26 ސަމިޓަށް ރާއްޖެއިން ދިޔައީ ނުހަނު ބޮޑު އުންމީދަކާއެކީ އެވެ. އަދި ވަކި ކަންތައްތަކެއް ހާސިލްކުރުމުގެ ފޮނި އުންމީދާއެކީ އެވެ. އެޔާއެކީ ރައީސް ރޭ ވަނީ ވޯލްޑް ލީޑާސް ސަމިޓްގައި ރާއްޖެ މިހާރު މި އޮތް ހާލަތު ވަރަށް ސާފުކޮށް ދުނިޔެއަށް އިއްވަވައިދެއްވާފަ އެވެ. އެގޮތުން އަޅުގަނޑުމެންނަށް ދިމާވެފައިމިވާ މޫސުމީ ބަދަލުތަކަށް އަވަސް ހައްލެއް ނުހޯދައިފިނަމަ މި ގަރުނު ނިމުމުގެ ކުރިން ރާއްޖެ ދުނިޔޭގައި ނޯންނާނެކަމުގެ ބިރުވެރި އިންޒާރު ރައީސް ވަނީ ދެއްވައިފަ އެވެ.
ރާއްޖެއަކީ ދުނިޔޭގެ ހުވަފެނީ މަންޒިލެކެވެ. ޗުއްޓީ ހޭދަކޮށްލަން އަދި ހަނީމޫން ހޭދަކޮށްލަން މުޅި ދުނިޔެއަށް ކަމުދާ އަދި ސަމާލުކަން ވެސް ލިބިފައިވާ މަންޒިލެކެވެ. އެ ރީތިކަމަށް މުޅި ދުނިޔޭގެ ކަޅި ހުއްޓިފައިވާ ތަނެކެވެ. ބޭރުގެ އިންވެސްޓަރުން އަބަދުމެ ފާރަޔަށް އޮންނަ ތަނެކެވެ. އަޅުގަނޑުމެންގެ މުޅި އިގްތިސޯދު ބިނާވެފައި ވަނީ ގުދުރަތުން ލިބިފައިވާ ރީތިކަމުގެ މައްޗަށެވެ. ކަން މިހެން އޮތްއިރު ތަރައްގީވެފައިވާ ގައުމުތަކުން ރާއްޖެފަދަ ޖަޒީރާ ގައުމުތައް ސަލާމަތްކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފަ އެވެ.
"މިދިޔަ މަހުގެ ތެރޭގައި އަޅުގަނޑު ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ކުރިން. ދަތުރުކުރި ހަ ރަށުގެ ތެރެއިން ހުރިހާ ރަށެއް ވެސް ދަނީ ގިރަމުން. މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން މިއީ މިއަދު އަޅުގަނޑުގެ ރައްޔިތުން ދިރިއުޅެމުން އަންނަ ގޮތުގެ ހަގީގަތަކީ. މީ އަދި ހަމަ އެންމެ މިސާލެއް،" ރައީސް ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަރުތައް ހަލާކުވެ ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުންނެވެ. ރަށްތައް ވަރަށް ބޮޑަށް ގިރައި ރައްޔިތުން ދަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރަށެއްގައި ދިރިނޫޅެވޭ ވަރަށް ގިރައިގެން ހިނގައްޖެނަމަ ދެން ޖެހޭނީ އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރާށެވެ.
މިހާރު ދުނިޔެއިން ކުރިމަތިލަނީ "ކޯޑް ރެޑް" ގެ ހާލަތާ އެވެ. މާނައަކީ ދުނިޔޭގެ ފިނިހޫނުމިން ދަނީ ދުވަހެއް ދުވަހަކަށް މަތިވަމުންނެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑެތި ބަދަލުތައް އަވަސް އަވަހަށް ކުރިމަތިވެ އެވެ. އޭގެތެރޭގައި އަލިފާނުގެ ހާދިސާތަކާ، ހަނަފަސްވުމާ، ތޫފާންތައް އާދެ އެވެ. މިފަދަ ކާރިސާތަކުގެ ސަބަބުން ކުދި ގައުމުތަކަށް އޭގެ އަސަރު އިންތިހާޔަށް ކުރާއިރު ރާއްޖެއަކީ އޭގެ އެއް މަންޒިލެވެ. ރާއްޖެއަށް ދިމާވެފައި މިވާ ތިމާވެށީގެ މައްސަލައަކީ ދިވެހިންގެ ސަބަބުން ދިމާވާ ކަންކަމެއް ނޫނެވެ. މިއީ އެހެން ގައުމުތަކުގެ އަމަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކެކެވެ. އެކަން ރައީސް ވަނީ ދުނިޔޭގެ ސަމާލުކަމަށް ގެންނަވާފަ އެވެ.
ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވެއްޖެނަމަ ރާއްޖެ ހުށަހެޅެނީ މަރުގެ ތުންފަތް މައްޗަށް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރާއްޖެ ނެތިގެން ހިނގައްޖެނަމަ ދުނިޔޭގެ އެހެން ގައުމުތަކަށް އެކަން ވެގެންދާނީ ނުބައި ފާލަކަށް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
"ސައިންސްގެ އެހީގައި އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ރައްޔިތުންގެ ސިއްހަތާއި ރައްޔިތުންގެ ރައްކާތެރިކަމާއި އަދި މި ދުނިޔެ ސަލާމަތްކުރުމުގެ ގާބިލިއްޔަތުކަމަށް މިއަދު އަޅުގަނޑުމެން މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައި ކަން. އެކަން ކުރެވޭނީ ހުރިހާ ގައުމެއްގެ އެއްބާރުލުން ލިބިގެން. ފިނިހޫނުމިން މައްޗަށްދާ މިންވަރު އަޅުގަނޑުމެންނަށް ނުބެލޭކަމަށްވާނަމަ އަދި އެ މިންވަރު ދެ ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވެއްޖެނަމަ އެއީ ރާއްޖެ މަރުގެ ތުންފަތްމައްވަށް ވެއްޓޭނެ ކަމެއް. ރާއްޖެ ނެތިގެން ހިނގައްޖެނަމަ ދުނިޔޭގެ އެހެން ގައުމުތަކަށް ނުބައި ފާލަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި ގިނަ ދިރުންތައް ދަނީ ނެތިދަމުންނެވެ. ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑާ ގާތްގަނޑަކަށް އެއް ލެވެލެއްގައި އޮންނަ ގައުމެކެވެ. ރައީސްގެ ރޭގެ ވާހަކަފުޅުގައި އެކަންވެސް ވަނީ ފާހަގަކުރައްވާފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ ކްލައިމެޓް ކްރައިސިސް އާއި ގުޅިގެން ދުނިޔޭގެ މެޕުން ރާއްޖެ ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.
ޕެރިސްގައި 2015 ވަނަ އަހަރު އެއްބަސްވި ފަދައިން ތަރައްގީވެފައިވާ ގައުމުތަކުން ތިމާވެށި ނާޒުކު ކުދި ގައުމުތަކަށް ކޮންމެ އަހަރަކު 100 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް އެއްބަސްވެފައިވާ ގޮތަށް ނުދޭތީ އެކަމާ ވެސް ރައީސް ވަނީ ފާޑުވިދާޅުވެފަ އެވެ. އަދި އެކަން އެގޮތަށް ނުކުރާތީ ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކަށް މިފަދަ މައްސަލަތައް ހައްލުކުރުމަށް މާލީ އެހީތެރިކަން ވަރަށް ބޮޑަށް ވަނީ ބޭނުންވެފަ އެވެ. ސަބަބަކީ ރާއްޖެއަކީ ފުދުންތެރި ގައުމަކަށް ނުވުމެވެ. އިގްތިސޯދުވެސް ގުޅިފައިވަނީ ތިމާވެއްޓާ ކަމަށް ވާތީ އެވެ.
ތިމާވެއްޓާ ގުޅޭގޮތުން އަބަދު އެއް ވާހަކަތަކެއް ދައްކަވަމުން އަންނަ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރިކަމާއި ބިރުވެރިކަން ތަރައްގީވެފައިވާ ގައުމުތަކަށް ވަޒަން ނުކުރެވޭތީ ރައީސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ހަމައެކަނި ދައްކާ ވާހަކައަކުން އެކަނި ނުފުދޭ ކަމަށާއި އަމަލުން އެކަން ދެއްކުމަށް ރައީސް ވަނީ ގޮވައިލައްވާފަ އެވެ. މިފަދަ މައްސަލަތަކުގައި ރާއްޖެފަދަ ކުދި ގައުމުތަކުގެ ބަދަލުގައި ބޮޑެތި ގައުމުތަކުން ހަރުދަނާ ފިޔަވަޅު އެޅުމަށް ވެސް ރައީސް ވަނީ ގޮވައިލައްވާފަ އެވެ. ރައީސްގެ ވާހަކަފުޅު ނިންމައިލަމުން ވިދާޅުވެފައި ވަނީ މިއީ މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދަން ލިބޭ އެންމެ ފަހު ފުރުސަތަށް ވުން ވެސް އެކަށީގެންވާ ކަމަށެވެ. އެހެންކަމުން މި ފުރުސަތުގެ ބޭކާރުވެދިޔަ ނުދިނުމަށް ރައީސް ވަނީ އާދޭހާއެކު އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑުމެން މި ދައްކާ ވާހަކަތަކުގެ އަޑު އައްސަވާނީ ކިހާވަރެއްވީމަތޯ؟" ރައީސް ހުރިހާ ލީޑަރުންނާ ސުވާލުކުރެއްވި އެވެ.