މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ހައްލެއް ނުހޯދައިފިނަމަ މި ގަރުނު ނިމުމުގެ ކުރިން ރާއްޖެ ދުނިޔޭގައި ނޯންނާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ސްކޮޓްލޭންޑްގެ ގްލަސްގޯގައި މިހާރު ކުރިއަށްދާ ތިމާވެށީގެ އެންމެ ބޮޑު ކޮންފަރެންސް، ކޮޕް26 ގައި ތަގުރީރު ކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ މޫސުމީ ކްރައިސިސްގެ ސަބަބުން ރާއްޖެއަކީ ތިރި ގައުމަކަށް ވުމުން ދުނިޔޭގެ މެޕުން މިހާރުވެސް ރާއްޖެ ގެއްލިފައި އޮންނަ ކަމަށެވެ.
ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވެއްޖެނަމަ ރާއްޖެ ހުށަހެޅެނީ މަރުގެ ތުންފަތް މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖެ ނެތިގެން ހިނގައްޖެނަމަ ދުނިޔޭގެ އެހެން ގައުމުތަކަށް އެކަން ވެގެންދާނީ ނުބައި ފާލަކަށް ކަމަށެވެ.
މިހާރު ދުނިޔެއިން ކުރިމަތިލަނީ "ކޯޑް ރެޑް" ގެ ހާލަތާއި ކަމަށާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑެތި ބަދަލުތައް އަވަސް އަވަހަށް އަންނަމުންދާއިރު، އޭގެތެރޭގައި އަލިފާނުގެ ހާދިސާތަކާ، ހަނަފަސްވުމާ، ތޫފާންތައް އަންނަ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މި ކާރިސާތަކުގެ ސަބަބުން އެތައް ކޮމިއުނިޓީތަކަކަށް އޭގެ އަސަރު އިންތިހާޔަށް ކުރާއިރު ރާއްޖެއަކީ އޭގެ އެއް މަންޒިލް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"މިދިޔަ މަހުގެ ތެރޭގައި އަޅުގަނޑު ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ކުރިން. ދަތުރުކުރި ހަ ރަށުގެ ތެރެއިން ހުރިހާ ރަށެއް ވެސް ދަނީ ގިރަމުން. މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން މިއީ މިއަދު އަޅުގަނޑުގެ ރައްޔިތުން ދިރިއުޅެމުން އަންނަ ގޮތުގެ ހަގީގަތަކީ،" ރައީސް ވިދާޅުވި އެވެ.
ސައިންސް މެދުވެރިކޮށް އެނގޭ އެއްޗެހިން ރައްޔިތުންގެ ސިއްހަތާއި ދިރިއުޅުމާއި، ރައްޔިތުންގެ ރައްކާތެރިކަމާއި އަދި މި ދުނިޔެ ސަލާމަތްކުރުމުގެ ގާބިލިއްޔަތުކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ކުރެވޭނީ ހުރިހާ ގައުމެއްގެ އެއްބާރުލުން ލިބިގެން ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ކުޑަކުޑަ ގައުމެއްގެ ހައިސިއްޔަތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެކި ފޯރަމްތަކުގައި ރާއްޖެއިން ތަކުރާރުކޮށް އެއް ވާހަކަތަކެއް ދައްކަމުން އަންނަ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މިހާރު މިއޮތް ހާލަތުން އަރައިގަތުމަށް ހައްލު ހޯދަން ރާއްޖެ އޮތީ ކެތް މަދުވެފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެންމެ ގައުމަކުން އެކަނި މަސައްކަތްކޮށްގެން މި ހައްލު ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވެފައި ވަނީ 2015 ވަނަ އަހަރު ޕެރިސްގައި އެއްބަސްވި ފަދައިން ތަރައްގީވެފައިވާ ގައުމުތަކުން ތިމާވެށި ނާޒުކު ކުދި ގައުމުތަކަށް ކޮންމެ އަހަރަކު 100 ބިލިއަން ޑޮލަރުގެ އެހީ، އެއްބަސްވެފައިވާގޮތަށް ދެމުން ނުދާތީ ހިތާމަކުރައްވާ ކަމަށެވެ.
ތަރައްގީވެފައިވާ ގައުމުތަކުންވާ ކަންކަން ކުރުމަށް ޒިންމާދާރުކުރުވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެއްބަސްވުމަށް ވެސް ރައީސް ވަނީ ގައުމުތަކަށް ގޮވައިލައްވާފަ އެވެ.
" ހަމައެކަނި ދޭ ޔަގީން ކަމަކުން ނުފުދޭ. އަމަލުން އެކަން ފެންނަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމައިލަމުން ވިދާޅުވެފައި ވަނީ މިއީ މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދަން ލިބޭ އެންމެ ފަހު ފުރުސަތަށް ވުން ވެސް އެކަށީގެންވާ ކަމަށެވެ. އެހެންކަމުން މި ފުރުސަތުގެ ބޭކާރުވެދިޔަ ނުދިނުމަށް ރައީސް ގޮވައިލެއްވި އެވެ.