ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ގްލަސްގޯއަށް ވަޑައިގެންފި

Nov 1, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް ކޮޕް26 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލަންޑްގެ ގްލަސްގޯއަށް ވަޑައިގަންނަވައިފިއެވެ. މިއީ މިދިޔަ 12 އަހަރުގެ ތެރޭގައި ރާއްޖޭގެ އެންމެ އިސް ވެރިޔަކު ކްލައިމެޓް ޗޭންގް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މިއަދުގެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮޕް26ގެ ބައްދަލުވުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންގެ ވާހަކަތައް ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މާދަމާ އޮންނަ ތިމާވެށްޓާގުޅޭ ކޮޕް26 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

2019 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަގުވާމީ އެހީތެރިކަމާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން ބޭރުކުރާ މިންވަރު ނެޓް ޒީރޯ އަށް ހެދުމަށް އަމާޒު ހިފާފައިވާކަން އިއުލާނުކޮށްފައެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ރާއްޖޭގެ އިސްނެގުމާއެކު ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގައި ތަފާތު އެކި ހަރަކާތްތައް ރާއްޖެއިން ދަނީ ހިންގަމުންނެވެ.