ދެހާސްތިރީސް ވަނަ އަހަރާއި ހަމައަށް ނެޓް ޒީރޯ އެމިޝަންގެ އަމާޒަށް ވާސިލްވެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކު ރާއްޖެ އެތެރެ ކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލުމަށް އެކުލަވައިލި ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ރާއްޖޭގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އެމިޝަންއަށް ވާސިލްވުން ކަމަށެވެ.
"މިއީ ހާސިލްނުވެވޭނެ ލަނޑުދަނޑިއެއް ނޫން. ބޭނުންވަނީ އެންމެން އެކުގައި މަސައްކަތް ކުރުން. އަޅުގަނޑު ހުރިހާ ބޭފުޅުންގެ އަރިހުން މި އެދެނީ މިކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ދެއްވުމަށް. މިކަން ހާސިލްކުރުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުންގެ ބައިވެރިވުން ސަރުކާރަށް ބޭނުންވޭ," ރައީސް ވިދާޅުވިއެވެ.
ނެޓް ޒީރޯ އެމިޝަން ގައުމަކަށްވުމަށްޓަކާ އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުންނާއި އަދި ތިމާވެށީގެ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހެއެވެ. އެންމެ ބޮޑު ބަދަލެއް ގެންނަންޖެހޭނީ ހަކަތައިގެ ދާއިރާއެވެ. ހާއްސަކޮށް ރާއްޖޭގައި ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވާ، ހަކަތައިގެ ސިނާއަތަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ސިނާއަތަކަށް ހަދަން ޖެހެއެވެ. ސަރުކާރުން ވަނީ ވިހަގޭސް މަދުކުރުމުގެ ލަނޑުދަނޑި ނުވަތަ ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓްގެ މިންވަރު 2030 ގެ ނިޔަލަށް 26 އިންސައްތައަށް އިތުރު ކުރުމަށް ނިންމާފައެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައި ވަނީ އދ ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި 2019 ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި އަދި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" އެއް އެކުލަވާލާފައެވެ. މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގެ "ޖަޒީރާ ދިރިއުޅުން" ބައިގެ "ކުންޏަކީ ވަސީލަތަކަށް ހެދުން" މި ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައް ވަނީ ކަނޑައަޅާފަ އެވެ.