ހަބަރު

ސުލްހައަށް ރާއްޖެ އަބަދުވެސް އެއްބާރުލުން ދޭނެ: ރައީސް

Oct 25, 2019
6

ސުލްހަ މަސްލަސްކަން ދަަމަހައްޓާ ކުރިއަރުވަން ބައިނަލްއަގުވާމީ މުޖުތަމައާއެކު ރާއްޖެ އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިއްޔެ ފާހަގަ ކުރި އދ. ގެ 74 ވަނަ ދުވަހުގެ މުނާސަބަތުގައި ފޮނުވި މެސެޖުގައި ރައީސް ސޯލިހު ވިދާޅުވީ އދ. ގެ ޗާޓަރުގައިވާ ކަންކަމަށް ރާއްޖެއިން އިޖާބަދެމުން ގެންދާނެ ކަމަށާއި ޗާޓަރުގެ ރޫހާއި އެއްގޮތަށް މަސައްކަތް ކުރުމަކީ އެ ޖަމާއަތުގައި ހިމެނޭ ހުރިހާ ގައުމުތަކަށް ލާބައާއި މަންފާ ލިބޭނެ ކަމެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ.

އޭގެ އިތުރުން 2030 ވަނަ އަހަރުގެ ނިޔަލަށް ހާސިލްކުރުމަށްޓަކައި ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ސަބަބުން ގައުމުތަކުގެ ރައްޔިތުންނަށް ހަރުދަނާ، ރައްކާތެރި، ދުޅަހެޔޮ، ސުލްހަވެރި އަދި އަބުރުވެރި ދިރިއުޅުމެއް ހޯދައިދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާއި އެއްގޮތަށް އަމަލުކުރުންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހު ދެއްވި އެވެ.

އެކަން ހާސިލު ކުރަން މި ޖީލަށް ހުރި ގޮންޖެހުންތަކާއި އެކުގައިވެސް ބައިނަލްއަގުވާމީ މުޖުތަމައާއި ގުޅިގެން ހައްލު ހޯދުމުގައި ރާއްޖެ ދެމިއޮންނާނެކަމަށް ވެސް ރައީސް ވިދާާޅުވި އެވެ.

އދ ދުވަހުގެ ގޮތުގައި 1948 ވަނަ އަހަރުން ފެށިގެން އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަސް ފަހާގަ ކުރަނީ ސިޔާސަތު ކަނޑައެޅުމާއި ގޮތް ނިންމުމުގެ ތެރެއިން ހަމަޖެހުމާއި ސުލްހައަށް މަގުފަހިކުރުމުގެ އަޒުމް ވަރުގަދަކުރުމަށްކަން ބަޔާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ އުފެއްދުމުގެ މަގްސަދުތައް ހާސިލްކުރުމުގައި ސާބިތުކަމާއެކު މިހާތަނަށް ދެމިއޮތްކަން ފާހަގަ ކުރައްވާފަ އެވެ.