އާދަމް ޝަރީފު އުމަރު

ރައީސްގެ ތަގުރީރުން ނަފުރަތު އޮތް ވަރު އެނގުނު: ޝަރީފު

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރީގެ ސަރުކާރަށް ފާޑުވިދާޅުވުމުން އެނގެނީ މި ސަރުކާރުގެ ތެރޭގައި ބަދަލު ހިފުމާއި ނަފުރަތު އޮތް މިންވަރު ކަމަށް، ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ރޭ ތަގުރީރު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޝަރުއީ ނިޒާމު އޮތީ ހައިޖެކް ކޮށްފައި ކަމަށާއި، ރައްޔިތުންގެ މަޖިލިހުގެ އޮތީ ހުއްޓުމަކަށް ގެނެސްފައި ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ވައްދައި ނޫސްވެރިންގެ އަނގަ ބަންދުފައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ އެ ވާހަކައާ ގުޅިގެން އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ. ގައި ތަގުރީރު ދެއްވަމުން ރައީސް ސޯލިހު، ކުރީގެ ސަރުކާރަށް ފާޑުވިދާޅުވުމުން އެނގެނީ މި ސަރުކާރުގައި އިންސާފެއް ނެތް ކަމާއި ބަދަލު ހިފުމާއި ނަފުރަތު އޮތް ވަރު ވެސް އެނގުން ކަމަށެވެ.

"ސަރުކާރުގައި ގައުމިއްޔަތު ކަމެއް ނެތް، އުއްމީދު ނެތް. ރާއްޖެ ތަރައްގީ ކުރެވޭނީ ވެރިކަމުގެ ކޮއިލުގެ ތެރެއިންނާއި ވެރިންގެ ހިތްތަކުން ހަސަދަވެރިކަން ނައްތާލައިގެން." އާދަމް ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓް

އދ. ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ތަގުރީރު ކުރެއްވިއިރު، އެއީ ހަ އަހަރު ފަހުން އދ. ގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގެން ތަގުރީރު ދެއްވި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އދ. ގައި ތަގުރީރު ކުރެއްވި ރާއްޖޭގެ ރައީސަކީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެމަނިކުފާނުގެ މަންދޫބެއްގެ ގޮތުގައި ރައީސް ވަހީދު ތަގުރީރު ކުރެއްވި އެވެ. ރައީސް ޔާމީންގެ ދައުރުގައި އެއްވެސް އަހަރެއްގައި އެމަނިކުފާނު އދ. ގެ ބައްދަލުވުމަށް ވަޑައިގެންފައެއް ނުވެ އެވެ.