ޔޫއެން

އދ. ގެ ސެކެޓަރީ ޖެނަރަލްއާ ރައީސް ބައްދަލު ކުރައްވައިފި

އދ. ގެ ސެކެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓާރޭޒްއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި އެވެ.

އެންޓޯނިއޯއާ ރައީސް ސޯލިހު ބައްދަލު ކުރެއްވީ އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދ ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމުގެ ފުރަތަމަ އަހަރުގައި އދ ގައި ތަގުރީރު ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އދ ގައި ސެކްރެޓަރީ ޖެނެރަލް އަދާކުރައްވަމުން ގެންދަވާ މުހިންމު ދައުރު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދޭދޭ ގައުމުތަކުގެ ގުޅުން ބަދަހިކުރުމާ، ގައުމުތަކުގެ އާންމު ހާލަތާ ދިރިއުޅުމުގެ ހާލަތު ބަދަލުކުރަން އެންޓޯނިއޯ ކުރައްވާ މަސައްކަތްޕުޅާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް އެމަނިކުފާނު ދެއްވާ އެހީތެރިކަމަށް ޝުކުރު ހައްގުވާ ކަމަށެވެ.

އޭގެ އިތުރުން ދިވެހި ސަރުކާރުގެ ދާހިލީ އަދި ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި އދ ގެ ދައުރު ވަރަށް މުހިއްމު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި މުހިންމު ދާއިރާތަކުން އދ އާއެކު ގުޅުން ބަދަހި ކުރުމާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

އެންޓޯނިއޯގެ ވާހަކަފުޅުގައި ރައީސް ސޯލިހުގެ ވާހަކަފުޅަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ އިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސެކެޓަރީ ޖެނަރަލް ދެއްވި އެވެ.