ހަބަރު

"ތްރީ ޖެނެރޭޝަން ވޯކް" އޮންނާނީ އަންނަ މަހު

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ތްރީ ޖެނެރޭޝަން ވޯކް" ގެ ނަމުގައި އުމުރުން ދުވަސްވީ މީހުންނާއި އާއިލާތައް ބައިވެރިވާ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

ޕެންޝަން އޮފީހާއި، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ހިނގާލަނީ އުމުރުން ދުވަސްވީ މީހުން ދުޅަހެޔޮ ކަމާއި އުފާވެރިކަންމަތީ އުޅެން ކުރެވެން ހުރިކަންކަމާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމާއި، އުމުރުން ދުވަސްވީ މީހުން މުޖުތަމައަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމަށެވެ. އަދި އޭގެ މުހިންމުކަން ކުޑަކުދިންނާއި ޒުވާނުންނަށް އަންގައި ދިނުމަށެވެ.

ޕެންޝަން އޮފީހުން ބުނީ ކުޑަކުދިންނާއި މައިންބައިފައިން އަދި މާމާއިންނާއި، ކާފައިން ހިމެނޭ ގޮތަށް އާއިލާތަކުގެ ތިން ޖީލެއްގެ މީހުން ބައިވެރިވާ ހިނގާލުމެއްގެ ގޮތުގައި އިންތިޒާމް ކުރާ ހަރަކާތް އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަަހު ހަވީރު 4.00 އިން 6.00 އަށް ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދުގައި ކަމަށެވެ.

އެ ހިނގާލުމުގައި ބައިވެރިވާ މީހުން ޕެންޝަން އޮފީހުގެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ހިނގާލުމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައިނެގޭ ގުރުވަތުން ހޯވާ ތިން ނަސީބުވެރިއަކަށް 2000 ރުފިޔާ ދޭނެ އެވެ. އަދި ތިން ޖީލަށް ވުރެ ގިނަ ޖީލުތައް ހިމެނޭ ގޮތަށް ބައިވެރިވާ އާއިލާތަކުގެ މެދުގައި ނަގާ ގުރުވަތުން ހޮވޭ އާއިލާ އަކަށް 3000 ރުފިޔާ ދެ އެވެ. ހިނގާލުމުގައި ބައިވެރިވާ އާއިލާތަކުގެ ތެރެއިން އެންމެ ދޮށީ މީހަކު ހިމެނޭ އާއިލާ އަކަށް ވެސް 3000 ރުފިޔާ ދޭނެ އެވެ.