އީރާން

މަޝަވަރާއަށް ދާނީ ގެއްލުމުގެ ބަދަލު ދިނުމުން: ރޫހާނާ

ނިއުކްލިއާ ޕްރޮގްރާމްތައް ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މަޝްވަރާ ކުރަނީ އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދެ ގުނަ އިތުރަށް ދިނުމުން ކަމަށް އިރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ރޫހާނީ މިހެން ވިދާޅުވީ މިހާރު ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ ޖެނެރަލް އެސްމްބީލީގަ އެވެ. އެސެމްބްލީގައި ރޫހާނީ ވާހަކަފުޅު ދައްކަން ފެށުމުން ގައުމުތަކުން ހީކުރީ މަޝްވަރާއަށް ވަޑައިގަންނަވަން ރޫހާނީ ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވާނެ ކަަމަށެވެ. ނަމަވެސް ރޫހާނީ ވިދާޅުވީ، ޓްރަމްޕާއެކު މަޝްވަރާއަށް ދާނީ ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބައްދައިދީ ހުރިހާ ފިޔަވަޅުތައް އުވާލައި އިރާނުގެ ޑިމާންޑުތައް ފުރިހަމަ ކުރުމުން ކަމަށެވެ. އަދި ޗައިނާގެ ކުންފުނިތަކަށް އިރާނުން ތެޔޮ ގަތުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބޮޑު ބަދަލެއް ދިނުމުން ކަމަށެވެ.

ފިޔަވަޅުތައް އެޅި ނަމަވެސް ޗައިނާއިން މިހާރު ވެސް ދަނީ އިރާނުން ތެޔޮ ގަންނަމުންނެވެ. އެމެރިކާއިން ވަނީ ޗައިނާއަށް ތެޔޮ ވިއްކާ ކުންފުނިތަކަށް ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ.

އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިރާނުގެ އިގްތިސޯދު ހަލާކުވެ ބޭރު ގައުމުތަކުގެ އެހީއަށް އެދެން މަޖުބޫރުވާ ހިސާބަށް ވަނީ ގޮސްފަ އެވެ. ނަމަވެސް ރޫހާނީ ވިދާޅުވީ، އެމެރިކާއަށް ބޯ ލަނބާ ނިއުކްލިއާ ޕްރޮގްރާމްތައް ހުއްޓާލައިފިނަމަ، އިރާން ވެގެންދާނީ ބާރުގަދަ ގައުމުތަކުގެ ގާނޫނު ހިނގާ ގައުމަކަށް ކަމަށެވެ.

ރޫހާނީ ޓްރަމްޕާއި މަޝްވަރާ ކުރަން ބޭނުންފުޅު ނުވިޔަސް، އިރާންގެ ބައެއް އިސް ޑިޕްލޮމޭޓުން ތިއްބެވީ ޓްރަމްޕާ މަޝްވަރާ ކުރައްވަން ތައްޔާރަށެވެ. އެއީ މަޝްވަރާގައި ޓްރަމްޕު ހުށަހަޅުއްވާ ޑިމާންޑުތައް ދެނެގަތުމުގެ ބޭނުމުގަ އެވެ. ނަމަވެސް ރޫހާނީ އެކަމާ ދެކޮޅު ހައްދަވަ އެވެ. ރޫހާނީ އާއި ޓްރަމްޕު މިހާރު ތިއްބެވީ ނިއުޔޯކުގައި ފަސޭހައިން ސިއްރު ބައްދަލުވުމަކަށް ދެވޭ ގޮތަށެވެ.

އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕު ވަނީ ސައުދީއަރަބިއްޔާގެ ތެޔޮ ކުންފުންޏަށް ހަމަލާ ދިނީ އިރާން ސަރުކާރުގެ އެއްބާރުލުމާއެކު ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރޫހާނީ ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.